ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ޑިމޮކްރެޓިކް ނިޒާމު ހިފެހެއްޓުމަށް ޓަކައި ކުރަން ޖެހޭ މުހިއްމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން ރައީސް ނަޝީދު ދެއްވި ހިތާބުގައި ވިދާޅުވީ ދިވެހީން ޑިމޮކްރަސީ ބަލައިގަނެ ރާއްޖެ ޑިމޮކްރަސީއަކަށް ފައްކާވުމުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ވެފައިވާ ކަމަށެވެ. މިގޮތުން ޓެކުހުގެ ނިޒާމާ އެކު ދައުލަތުގެ އާމްދަނީ ހަތް ބިލިޔަނުން 30 މިލިޔަނަށް އިތުރުވުމަކީ އޭގެ ހެއްކެއް ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ޑިމޮކްރެޓިކް ނިޒާމް ހިފެހެއްޓުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ހިއްސާކުރައްވާ ނަޝީދު ވިދާޅުވީ، އެންމެ މުހިންމު އެއް ކަމަކީ އިންތިހާބުތަކަކީ މިނިވަން އަދި ދެފުށް ފެންނަ އިންސާފުވެރި އިންތިހާބު ތަކަކަށް ވުން ކަމަށެވެ.

މި ޑިމޮކްރެޓިކް ހިފެހެއްޓުމަށް ޓަކައި އަޅުގަނޑުމެން މުހިއްމު ތިން ހަތަރު ކަމެއް އެބަ ހިފަހައްޓަން ޖެހޭ. ހާއްސަގޮތެއްގައި އިންތިހާބުތައް އެެއީ މިނިވަން ދެފުށް ފެންނަ ގޮތަކަށް ބޭއްވޭ އިންތިހާބުތަކަކަށް ވުން
ނަޝީދު

އިންތިހާބުތަކުގައި އެއްވެސް ބޭފުޅަކު ސަރުކާރުގެ ވަސީލަތްތަކާއި މަގާމުގެ ނުފޫޒު، ބޭނުން ނުކުރުމަކީ، މިނިވަން އިންސާފުވެރި، ދެފުށް ފެންނަ އިންތިހާބުތަކަށް ހެދުމަށް ޓަކައި މުހިއްމު ކަންތައްތަކެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ހަމައެކަނި ހުއްޓިފައި އޮތީ ރައްޔިތުންގެ މަޖިލީހުގައި ނޫން ކަމަށާއި މީޑީއާގައި ވެސް ޖަވާބު ދާރީ ކުރުވުން އޮތީ ހުއްޓިފައި ކަމަށެވެ.

އެކަން ހުއްޓިފަ އޮތީ ހަމައެކަނި މަޖިލީހަކުން ނޫން. މީޑިއާއިން ވެސް. މީޑިއާގެ މިނިވަންކަމާއި ރައްޔިތުންގެ މިނިވަންކަމާއި އެއީ ޑިމޮކްރަސީއަށް ކޮންމެހެން ބޭނުން ކަމެއް
ނަޝީދު

މީޑިއާގެ މިނިވަންކަމާއި މަޖިލީހުގެ މިނިވަންކަން ރާއްޖޭގައި މިވަގުުތު އޮތް ގޮތާ މެދު ސުވާލު އުފެދޭ ކަމަށާއި އެހެން ނަމަވެސް އަޒުމު ކަނޑައަޅަންވީ ކުރިއަށް އޮތް ތަނުގައި ކަންތައްތައް ރަނގަޅު ކުރަމުން ގެންދަން ކަމަށް ނަޝީދު ވިދާޅުވިއެވެ.