އިންޑިއާގެ ކެރެލާގެ ކޮޒިކޯޑޭ ޑިސްޓްރިކްޓުން ނުރައްކާތެރި ނިޕާ ވައިރަސް ފެނި، އިދާރާތައް އެލާޓަށް ގެނެސް ސްކޫލުތައް ބަންދުކޮށްފިއެވެ.

އިދާރާތަކުން ބުނީ އެ ވައިރަހުގައި ދެމީހަކު މަރުވެފައި ވާ ކަމަށާއި އާންމުކޮށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އެެހެން ކަމުން ސްކޫލުތައް ބަންދުކޮށް އެތައް ހާސް ބަޔަކު ޓެސްޓްކޮށް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ކެރެލާގެ ޗީފް މިނިސްޓަރު ޕިނަރަވީ ވިޖަޔާން ވަނީ، ވައިރަސް ފެނުނު ސަރަހައްދު ބަންދުކޮށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، އެންމެންވެސް ސިއްހީ އޮފިޝަލުންގެ އިރުޝާދު އަޑުއަހާ ބޯލަނގައިގެން ތިބުމަށް އެދިވަޑައިގެންފައެވެ.

މިއީ 2018 ގެ ފަހުން އިންޑިއާގައި މި ވައރަސް ފެތުރޭކަން ފާހަގަވި 4 ވަނަ ފަހަރެވެ. ނިޕާ ވައިރަހަކީ ޖަނަވާރުގެ ފަރާތުން އިންސާނުންނަށް އަދި ވައިރަސް ފޯރާފައި ތިބޭ އިންސާނުންގެ ފަރާތުން އެހެން ޖަނަވާރުތަކަށް ވެސް އަރާ، ގައިންގަޔަށް އަރާ ވައިރަހެކެވެ. މީގެ އިތުރުން އެފަދަ ވައިރަހެއްގެ އަސަރު ހުރި ކާއެއްޗަކުން ނުވަތަ ތަނަކުންވެސް މި ވައިރަސް އެހެން މީހުންނާއި ޖަނަވާރުތަކަށް ފެތުރުމުގެ ފުރުސަތު ބޮޑެވެ.

އެމެރިކާގެ ސީޑީސީން ބުނީ، ނިޕާ ވައިރަހުގައި ބައެއް ފަހަރު އާދައިގެ ބޮލުގެ ރިހުމެއްގެ ގޮތަށް ފާހަގަ ވި ނަމަވެސް ބައެއް ފަހަރު ގަދަޔަށް ބޮލުގައި ރިއްސާ، ބޯ އަނބުރާގޮތް ވެ ދުވަސްކޮޅެއްގެ ތެރޭގައި ކޯމާއަކަށް ވެސް ހިނގައިދާނެ ކަމަށެވެ.

އަދި ނޭވާލާ ނިޒާމަށް އަސަރުކޮށް އެކަށީގެންވާ މިންވަރަށް ޮއކްސިޖަން ނުލިބުމާއި ސިކުނޑި ދުޅަވުމަކީވެސް މި ވައިރަސްގައި ދިމާވާ ގޮތެކެވެ.

މި ވައިރަހަށް ވެކްސިނެއްވެސް އަދި ފަރުވާއެއް ވެސް ހޯދިފައި ނުވާ އިރު މި ބާވަތުގެ އެހެނިހެން ބަލިތަކަށް ދޭ ފަރުވާ ނުވަތަ ބޭހަށް ވެސް މި ވައިރަހެއް ނުގުޑައެވެ.

ހަބަރުތައް ބުނާގޮތުން މި ވައިރަހުގައި މަރުވި 2 މީހުންނާ ކްލޯސް ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 700 އެއްހާ މީހުން ދެނެގަނެވި ދަނީ ޓެސްޓުތައް ހަދަމުންނެވެ. އޭގެ ތެރެއިން 77 މީހުންނަކީ ހައި ރިސްކް މީހުން ކަމަށާއި އެމީހުން ވަކިން ގޭގައި ތިބެ ހާލަތު ބަލަމުން ދިޔުމަށް އިރުޝާދު ދީފައި ވާ ކަމަށްވެސް އޮފިޝަލުން ވަނީ ބުނެފައެވެ.

2018 ގައި އެ ސްޓޭޓުގައި ނިޕާ ވައިރަސް ފެތުރި 17 މީހަކު މަރުވިއެވެ. އޭގެ ފަހުން 2021 ގައި ވެސް އެ ސްޓޭޓުން އެ ވައިރަސް ފެނިގެން އެތައް ސަތޭކަ ބަޔަކު ޓެސްޓު ކުރިއެވެ. އެފަހަރު 12 އަހަރުގެ ކުޑަކުއްޖަކު މަރުވެފައި ވެއެވެ.

ނިޕާ ވައިރަސް އެންމެ ފުރަތަމަ ފެނުނީ 1998 އާއި 1999 އާ ދެމެދު މެލޭޝިއާއިންނެވެ. އެފަހަރު 300 މީހަކަށް ވައިރަސް ޖެހި އޭގެ ތެރެއިން 100 މީހަކު ވަނީ މަރުވެފައެވެ.

ސައިންސްވެރިން ބުނާގޮތުގައި މި ވައިރަސް އުފުލާ ޖަނަވާރުތަކުގެ ތެރެއިން އެންމެ ގިނައިން ވައިރަސް އުފުލާ ކަމަށް ފާހަގަ ވެފައި ވަނީ އޫރެވެ. މި އިން ކޮންމެ ހާދިސާއެއްގައި ވެސް އޫރުން ވައިރަސް ފެނިފައި ވެއެވެ. މެލޭޝިއާއިން ވައިރަސް ފެނުނު ފަހަރު މިލިއަނެއްހާ އޫރު ވަނީ މަރާވެސް ލާފައެވެ. ދެން މި ވައިރަސް ފެންނަނީ، އުފުހޭ ކުދި ވާލުންނެވެ. މިބާވަތުގެ ވާލަކީ އިންޑިއާގައި ގިނަ އެއްޗެއް ކަމަށް ވާއިރު އާންމުކޮށް ދިވެހިން ގޮސް އުޅޭ ކެރަލާގެ ގިނަ ސިޓީތަކުގެ މަގުގެ ދެފަރާތުގައި ހުންނަ ޖޭމް ގަސްތަކަށް މި ބާވަތުގެ ކުދި ވާ ގިނަ އަދަދަކަށް ޖައްސާ ހަދައެވެ.

ނަމަވެސް މިހާރު ވައިރަސް ފެނިގެން އުޅޭ ކޮޒިކޯޑޭ އަކީ ދިވެހިން އާންމުކޮށް ގޮސް އުޅޭ ޑިސްޓްރިކްޓެއް ނޫނެވެ.