އަވަށްޓެރި އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓްގެ މަހާބާލެޝްވަރު ހޮހަޅައިން ފެނުނު ވާތަކެއްގައި، ނިޕާ ވައިރަހުގެ އެންޓިބޮޑީޒް ހުރި ކަމަށް، ޖާނަލް އޮފް އިންފެކްޝަން އެންޑް ޕަބްލިކް ހެލްތުގައި އާންމު ކޮށްފައި ވާ ދިރާސާއެއް ބުނެފިއެވެ.

ނިޕާ ވައިރަހަކީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެންމެ ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން އަންނަ 10 ވައިރަސް ޕެތޯޖަންގެ ތެރޭގައިވެސް ހިމެނޭ ވައިރަހެކެވެ.

ނިޕާ ވައިރަހަކީ ޓެރޯޕަސް އާއިލާގެ ވާ ނުވަތަ ފުރުޓު ބެޓްސްއާ، އޫރުގެ ޒަރިއްޔާއިން އިންސާނުންނަށް ޖެހޭ ބައްޔެކެވެ. މިބަލި އިންސާނުންނާއި ޖަނަވާރަށްވެސް ޖެހެއެވެ. ނިޕާ ވައިރަސް ޖެހެނީ މޭވާ ކައިއުޅޭ ވާލާއި އޫރުންނާއި ބަލިޖެހިފައިވާ މީހުންގެ ގައިގެ ދިޔައިންނާއި ކުޑަކަމުދާ ތަކެތިންނެވެ. މީގެ އިތުރުން ވާ ހަފާފައި ހުންނަ މޭވާ ކެއުމުންނާއި މި ބަލީގެ ޖަރާސީމު އެކުލެވޭ އެއްގަމު މަހުގެ ބާވަތެއް ކެއުމުންވެސް މި ބަލި ޖެހެއެވެ.

2001، 2007 އަދި 2918 އާއި 2019 ގައިވެސް އިންޑިއާގައި ވަނީ ނިޕާ ބަލިމަޑުކަން ފެތުރިފައެވެ.

އެންމެ ފަހުން ހޮހަޅައިން ފެނުނު ވާތަކުގެ ހަށިގަނޑުގައި ނިޕާ ވައިރަހުގެ އެންޓިބޮޑީޒް ހުރިކަން އެނގުނީ، އިންޑިއަން ކައުންސުލް އޮފް މެޑިކަލް ރިސާވްގެ ނޭޝަން އިންސްޓިޓިއުޓް އޮފް ވައިރޮލިޖީއިން ހޯދި ހޯދުންތަކުންނެވެ.

ނިޕާ ވައިރަހުގެ ހާލަތު މިހާރު ގޮސްފައި ވާ ހިސާބެއް ދެނެގަތުމަށްޓަކާ، ވާލުގެ އިތުރުން، އިންސާނުންގެ ހަށިގަނޑުގައިވެސް ޓެސްޓުތަކެއް ހަދަން ޖެހޭ ކަމަށް، ދިރާސާގައި ވެއެވެ.

ބަލީގެ މަރުގެ ރޭޓް މަތިވުމާ، އެއް އިންސާނެއްގެ ކިބައިން އަނެއް އިންސާނަކަށް ބަލި ފެތުރުމާ، އެކަށީގެންވާ ވެކްސިނެއް ނެތުމުގެ އިތުރުން، ވާލުގެ ހާލިތައް އިންޑިއާގައި ގިނަ ވުމަކީ، ނިޕާ ބަލިމަޑުކަމުގެ އިންޒާރުގެ ރަނގަބީލު ޖަހަން މަޖުބޫރު ކުރުވާ ސަބަބެކެވެ.