ނިމިދިޔަ ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުގައި ވޯޓު ނުލައި ތިބި ބައި ލައްކައެއްހާ މީހުންގެ ތެރޭގައި ގިނައީ ޕީޕީއެން/ ޕީއެންސީގެ ސަޕޯޓަރުން ކަމަށް އިދިކޮޅުން ބުނެފިއެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ސްޕޯކްސްޕާސަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒުގެ ޑެޕިއުޓީ ސްޕޯކްސްޕާސަން މުއާޒު އަހްމަދު ރަޝީދު ވިދާޅުވީ، ރީރަޖިސްޓްރީ ނުކުރެވި ވޯޓު ނުލެވުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާ މީހުން ކަމަށް މި ސަރުކާރުން ބުނި ނަމަވެސް އެއީ ގަބޫލު ކުރާނެ ވާހަކައެއް ނޫން ކަމަށެވެ.

މިގޮތުން ހަގީގަތުގައި ވޯޓު ނުުލާ ތިބި ގިނަ މީހުންނަކީ ޕީޕީއެމް/ ޕީއެންސީގެ ސަޕޯޓަރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭރު މިޕާޓީގައި ކެޑިޑޭޓަކީ ޑރ މުއިއްޒު އެއްވެސް ނޫން، ރައީސް ޔާމީނަށް ކުރަމުންދިޔަ އަަނިޔާ އިންތިހާއަށް ކުރަމުންދިޔައީ، އޭރު ރައީސް ޔާމީނަށް ކުރިމަތިލެވޭނެ ކަމުގެ އުންމީދު ތައް ބައެއް ރައްޔިތުންނަށް ގެއްލިފައި އޭރު ތިބީ
މުއާޒު

މުއާޒު ވިދާޅުވީ، އެއީ ރީރަޖިސްޓްރޭޝަން ޕްރޮސެސްގެ ތެރޭގައި ކަމަށާއި، އެ ޕްރޮސެސްގެ ތެރޭގައި ރީރަޖިސްޓާކޮށް ވޯޓުލާން ޕާޓީގެ މެންބަރުންގެ މެދުގައި ހިޔާލުނެތް ކަމަށެވެ. އެހެންކަމުން ސަރުކާރުން ތާއީދުކުރާ ގިނަ ބަޔަކު ވޯޓު ނުލާ ތިބި ކަމަށް ބުނާ ވާހަކަ އަކީ ދައްކާ ދޮގު ވާހަކައެއް ކަމަށް މުއާޒު ވިދާޅުވިއެވެ.

ސަރުކާރުން ބޭނުންވި ގޮތަށް ސަރުކާރުން އެންމެން ނުފޫޒު ބޭނުންކޮށްގެން ވަޒީފާތަކުގައި ތިބި މީހުން، އެމީހުން އަތްއަނބުރައިގެން ވޯޓުލައި، އެމީހުން އެންމެން ނެރުނު، ވޯޓުލާން ބޭނުން، ވޯޓު ލެވޭ، ސަރުކާރަށް ވޯޓު ލެވެންތިބި އެންމެން އެމީހުން ނެރުނު، ވަޒީފާގެ ބިރު ދެއްކި، އިންތިހާއަށް ވަޒީފާގެ ބިރުދެއްކި، ވަޒީފާ ނުދީ ތިބި މީހުންނަށް ވަޒީފާ އިތުރުކޮށް ކުންފުނިތަކުން ވަޒީފާތައް ދިން، މިއީ ހަގީގަތް
މުއާޒު

މުއާޒު ވަނީ ކޮންމެ ކުންފުންޏަކުން ދެމަހުން ނޫނީ ތިން މަހަށް ނޫނީ އެއް މަހަށް ކޮންޓްރެކްޓް ވަޒީފާ އެތައް ބަޔަކަށް ދީފައިވާ ކަމަށާއި ކުންފުނިން މިކުރާ ކަންތައްތައް އޭސީސީން ފާރަވެރިވެ، ބަލަން ޖެހޭ ކަމަށެވެ.

މުއިއްޒު ވަނީ ދައުލަތުގެ ވަސީލަތްތައް ނަހަމުގޮތުގައި ބޭނުންކުރަމުންދާ ކަން ފާހަގަކުރައްވާ އެވަރުން ވެސް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނުމަކީ އުފާކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ. މި ދެ ބޭފުޅުންނަށް އެންމެ ގިނަ ވޯޓު ލިބި 50 ޕަސެންޓް ވޯޓު އެއްވެސް ކެންޑިޑޭޓަކަށް ލިބިފައި ނުވާތީ އެ ދެބޭފުޅުން ވަނީ ދެވަނަ ބުރަށް ވަޑައިގެންފައެވެ.