އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޒާމިރު އިސްތިއުފާ ދެއްވައިފިއެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސްލޮޓެއްގައި ހުންނެވި ޒާމިރު ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިއަދުއެވެ.

އެމަގާމުން ޒާމިރު އިސްތިއުފާދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ. ނަމަވެސް އިސްތިއުފާގެ ސިޓީއާ އެކު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޒާމިރު ވިދާޅުވީ ރައްޔިތުން އެމީހުންގެ އަޑު އިއްވައިފި ކަމަށާއި މިއީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކުރިއަށް ދާން ޖެހޭ ވަގުތު ކަމަށެވެ.

ޒާމިރު މަގާމުން އިސްތިއުފާ ދެއްވާފައި ވާއިރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 5،460 ވޯޓާއެކު 5 ވަނަ އަށް ދިޔަ ޖޭޕީން އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ މެދު މާދަމާ ގޮތެއް ނިންމާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ކޯލިޝަން ހެދުމާމެދު ޖޭޕީން ރޭ ބުނީ، އިންތިހާބުގެ ދެވަނަ ބުރުގައި އަމަލު ކުރާނެ ގޮތަކާ މެދު ގޮތެއް ނިންމާނީ ކައުންސިލް ބައްދަލުވުމުގައި ކަމަށާއި ބައްދަލުވުން އޮންނާނީ މާދަމާ ހަވީރު 4 ޖަހާއިރު ކަމަށެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަށް އިންތިހާބުގައި ލިބިވަޑައިގަތީ އެންމެ 5،460 ވޯޓެވެ. މިއީ 22،000 އަށްވުރެ ގިނަ މެންބަރުން ތިބި ޖޭޕީއަށް މިފަދަ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރުވެސް މެއެވެ.

މި މަހުގެ 30 ގައި ބާއްވާ ދެވަނަ ބުރަށް ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއިި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.