ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައްޔިތުން ނިންމި ނިންމުމަކީ ގައުމު އިސްކޮށް ނިންމި ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދެވަނަ ބުރަށް ގޮސްފައި ވާއިރު މި އިންތިހާބުގެ ވަގުތީ ނަތިޖާ ދައްކާ ގޮތުން ރައީސް ސޯލިހްއަށް ލިބިވަޑައިގަތީ 39.05 ޕަސެންޓެވެ. އަދި ޑރ.މުއިއްޒު ވަނީ 46.06 ޕަސެންޓް ހޯއްދަވާފައެވެ.

ރިޔާސީ އިންތިހާބުގެ މި ނަތީޖާ އާއި އެކު އެމްޑީޕީގެ އާންމު މެންބަރުންގެ ގިނަ ފާޑުކިޔުންތަކެއް ކެމްޕެއިންގެ އިސް ފަރާތްތަކަށް އަމާޒުވެފައި ވާއިރު ރޮޒައިނާ ކުރެއްވި ޓުވިޓެއްގައި ވަނީ ރައީސް ސޯލިހްއަށް ވޯޓު ދިން މީހުންނަށް ޝުކުރު އަދާކުރައްވާފައެވެ. "ތި ބޭފުޅުން ނިންމެވީ ގައުމު އިސްކޮށްގެން ނިންމި ނިންމެވުމެއް" ރޮޒައިނާ ވިދާޅުވިއެވެ. މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ އުއްމީދަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުލައަށް ނުބަލާ އަނިޔާވެރިކަމާ ދެކޮޅަށް ވޯޓު ދިނުން ކަމަށެވެ.

"އުއްމީދުކުރަނީ ދެން ތިއްބެވި ބޭފުޅުންވެސް ދެވަނަ ބުރުގައި ވިސްނުން އިސްކޮށް ކުލައަކަށް ނުބަލާ އަނިޔާވެރިކަމާ ހަމަނުޖެހުމާ ދެކޮޅަށް ވޯޓު ދެއްވާނެކަމަށް" ރޮޒައިނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އާއި އެކު އެމްޑީޕީން ބުނީ ހެދިފައިވާ ގޯސްތައް މިހާރު ދެނެގަނެވިފައިވާ ކަމަށާ، އެކަންކަން ދިރާސާ ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ކެމްޕެއިނަށް ގެންނަންޖެހޭ ބަދަލުތަކާއެކު ވަރަށް އަވަހަށް ދެވަނަ ބުރުގެ ކެމްޕެއިން ހަރަކާތްތައް ފެށިގެން ދާނެކަމަށްވެސް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.