މިއަދު ފެނިގެން ދަނީ އެމްޑީޕީއާ ވާދަވެރި ކެންޑިޑޭޓުން ވަރަށް "ކޫލް" ކަމަށް ހެދެން އުޅޭ މަންޒަރު ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދުދީދީ އަނެއްކާވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ރޭ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އިސް ނަންގަވައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ވެއްޖެނަމަ ފެނިގެން ދާނީ ދިވެހިރާއްޖެ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ދާ މަންޒަރު ކަމަށެވެ.
އަދި މިއީ ރާއްޖޭގައި ދެން ލާނެ އެންމެ ފަހު ވޯޓަށް ވުން ވެސް އެކަށީގެން ވާކަން ފާހަގަ ކުރައްވައި މާރިޔާ ވިދާޅުވީ މުއިއްޒުގެ ވަށާލައިގެން ތިބީ ޑިމޮކްރަސީ އާއި ވޯޓު ގަބޫލުކުރާ ބައެއް ނޫން ކަމަށެވެ. މުއިއްޒު އާއި ސަލަފާ ގުޅުވައިގެން ދައްކަމުން ގެންދަވާ ވާހަކަތައް ނުސީދާކޮށް ފާޑުވިދާޅުވަމުން މާރިޔާ ވިދާޅުވީ މަޖިލީހުން ނިންމައިގެން މި ފަސް އަހަރަށް ފަހު ދެން ވޯޓުލުމާ ހަމައަށް ދާއިރުއެކި ވައްތަރުގެ ފަތުވާތައް ނެރެގެން ވޯޓު ނެގުމާ ވޯޓުލުން އެއީ ހަރާން ކަންކަމަށް ނިންމަފާނެ ކަމަށެވެ.
އިތުރަށް މާރިޔާ ވިދާޅުވީ ރާއްޖެ ހެޔޮ މަގަށް ގެންދިއުމުގެ ފުރުސަތު އޮތީ ރައްޔިތުންގެ އަތް މަތީގައި ކަމަށެވެ. އުފާވެރި އަމާން ރާއްޖެއަކަށް ދާން ދިވެހިން ބޭނުންވާ މަންޒަރު މިހާރު ފެނިވަޑައިގަންނަވާ ކަން ފާހަގަ ކުރައްވަމުން މާރިޔާ ވަނީ ރައްޔިތުން ބޭނުންވާ ރާއްޖެއަށް ރައީސް ސޯލިހަށް ހެޔޮ ފާހަގަ ޖެއްސެވުމަށް އެދިވަޑައިގެންފައެވެ.