ހއ. ކެލާގެ މައި މަގުތައް ހެދުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލު ކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ، މި މަސައްކަތް އެ ކުންފުންނާ ހަވާލު ކޮށްފައި ވަނީ 2 އަހަރުގެ މުއްދަތެއްގައި ނިންމަން ކަމަށާއި މި މަސައްކަތުގެ ޖުމްލަ އަގަކީ 99 މިލިއަން ރުފިޔާ ކަމަށެވެ.
މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތައް:
- 3.9 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުން
- މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުން
- މަގުތަކުގައި މަގުބައްތިޖެހުން
ޕްލޭނިން މިނިސްޓްރީ އާރްޑީސީއާ މި މަސައްކަތް ހަވާލުކޮށް މިއަދު ވަނީ އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ ގޮތުން ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު ހަސަން ސައީދެވެ.
ކެލާގެ މަގުތައް ހަދަން އާރްޑީސީއާ ހަވާލުކޮށްފައި ވާއިރު ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ވެސް އެ ކުންފުންޏަށް ވަނީ ބައެއް މަޝްރޫއުތައް ހަވާލު ކޮށްފައެވެ. އެ ގޮތުން މިދިޔަ ޖުލައި މަހުގެ ފަހު ކޮޅު ވަނީ ގދ. ތިނަދޫގެ ބައެއް މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައެވެ. ހަމައެއާއެކު މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އދ. މަހިބަދޫ މަގުހެދުމުގެ މަސައްކަތާއި ރ. އިނގުރައިދޫ މަގުހެދުމުގެ މަސައްކަތާއި ރ. މަޑުއްވަރީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ.
މީގެ އިތުރުން އޮގަސްޓް މަހުގެ ތެރޭގައި ރ. މީދޫ ހޮސްޕިޓަލްގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ވެސް ވަނީ އެ ކުންފުންޏާ ހަވާލު ކޮށްފައެވެ. މިއީ މަގު ހެދުމުގެ މަސައްކަތް ކުރާ އާރްޑީސީއަށް އިމާރާތް އެޅުމުގެ މަސައްކަތެއް ކުރަން ހަވާލުކުރި ފުރަތަމަ ފަހަރުކަން ވެސް ފާހަގަ ކޮށްލެވެއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި، އެއްގަމު ދަތުރުފަތުރު ކުރެވޭނެ ފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި، ބެލެހެއްޓޭނެ ނިޒާމެއް ގާއިމު ކުރުމަށް އުފެއްދި ކުންފުންޏެކެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި، އެއްގަމު ދަތުރުފަތުރު ކުރެވޭނެ ފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި، ބެލެހެއްޓުމަކީ އަސާސީ ހިދުމަތަކަށް ވާތީ މިފަދަ ކުންފުންޏެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.
ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނުގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރުގެ ދަށުން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި ވަކި ކުންފުންޏެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ 2019 ވަނަ އަހަރުގެ ޖޫން މަހުއެވެ. އަދި ކުންފުނި އެކުލަވާލާ ކުންފުނީގެ މަސައްކަތް ރަނގަޅަށް ހިނގައިގަންނަށް ފެށީ 2020 ވަނަ އަހަރުއެވެ.
ކުންފުންޏާ އެންމެ ފުރަތަމަ ހަވާލުކުރި ސަރުކާރުގެ ބޮޑު މަޝްރޫޢުއަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫޢުއެވެ. ނަމަވެސް އޭގެ މަހެއްހާ ދުވަސްފަހުން ކުރިމަތިވީ، ކޯވިޑްގެ އާލަމީ ވަބާއެވެ. މިއާއެކު ޅަފަތުގައިވާ އާރްޑީސީ ހިނގައިގަތުމަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިވިއެވެ.