އއ. ތޮއްޑޫގެ ދަނޑުވެރިކަން އިތުރަށް ތަރައްގީކުރަން އެރަށުގެ ދަނޑުވެރިންނަށް ސަބްސިޑީ ދެއްވާނެ ކަމަށް މުއިއްޒު ވައުދު ވެވަޑައުގެންފިއެވެ.

މުއިއްޒު މިފަދައިން ވައުދު ވެވަޑައިގެންނެވީ، ރިޔާސީ ކެމްޕެއިންނަށް ކުރައްވާ ދަތުރުގެ ތެރެއިން ތޮއްޑޫ އަށް ވަޑައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ، ތޮއްޑޫ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ އެއް ރަށަށް ވިނަމަވެސް، މި ސަރުކާރުން ދަނޑުވެރިކަން ފުޅާކުރުމަށް އެކަށީގެންވާ އެހީތެރިކަން ދީފައި ނުވާ ކަމަށެވެ.

އެހެންކަމުން މުއިއްޒުގެ ވެރިކަމުގައި ދަނޑުވެރިންނަށް ސަބްސިޑީ ދެއްވާނެ ކަމަށެވެ.

ދަނޑުވެރިންގެ ސަބްސިޑީ ލިބުމަކީ ސީދާ ދަނޑުވެރިންނަށް ލިބިގެންދާނެ މުހިންމު ވަސީލަތަކެއް ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މުުއިއްޒު ވިދާޅުވީ، ތޮއްޑޫއަކީ ނިސްބަތުން އެއްގަމު އުނޅަދު ގިނަ ރަށަކަށް ވެފައި، މަގުތަކުގެ ހާލަތު މިހާރު ހުރި ގޮތުން މުދާ އުފުލުމުގަ އާއި އާންމު ދިރިއުޅުމުގައި އެތައް ދަތިތަކެއް އާންމު ރައްޔިތުންނަށް ކުރިމަތިވާ ރަށެއް ކަމަށެވެ. އަދި ހާއްސަކޮށް ވިއްސާރަ ދުވަސްވަރުގައި މަގުތަކުގެ ހާލަތު އިތުރަށް ގޯސްވަމުން ދާ ކަމަށާއި އެކަމަށް ހައްލެއް ގެނެސް ރަނގަޅު ފެންވަރުގައި މަގުތައް ހައްދަވައި ދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ސްކޫލު އެއް ދަންފަޅިއަކަށް ބަދަލުކޮށް، ކްލާސްރޫމުތައް އިތުރު ކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ހަމައެހެންމެ، ތޮއްޑޫއަކީ ނިސްބަތުން މީހުން ގިނަ ރަށަކަށް ވެފައި ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ބަޔަކަށް ވާއިރު އެރަށުން އެކަށީގެންވާ ސިއްހީ ހިދުމަތް ލިބެން ނެތްކަންވެސް ފާހަގަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މިހާރުވެސް ރަށުގެ ސިއްހީ މަރުކަޒުގައި ހުރީ 4 އެނދު ކަމަށާއި ތަނުގެ ޖާގައިގެ ދަތިކަމަށާއި މުވައްޒަފުންގެ ދަތިކަން ވެސް އިންތިހާއަށް ބޮޑު ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެރަށުގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ހައްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި ތޮއްޑޫގައި ބޭންކު ބްރާންޗެެއް، ޑޮލަރު އޭޓިއެމް ހިމެނޭ ގޮތަށް ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.