ނިއުޒީލަންޑްގެ އޯކްލޭންޑުގެ އަންހެނަކު ސިޒޭރިއަން ހެދި ފަހުން ބަނޑެއްގައި ރިއްސާތީ އެތައް ފަހަރަކު ޑޮކްޓަރަށް ދެއްކިއެވެ. އެކްސް ރޭ ހަދާ ބަލާއިރުވެސް ބަނޑުގައި އެއްޗެއް އޮތް ކަމަކަށް ނުދައްކައެވެ. ނަމަވެސް ރިހުމަކަށް ބަދަލެއް ނާދެއެވެ.

ރިހުން ގަދަވަމުން ގަދަވަމުން ގޮސް ކެތް ނުކުރެވިގެން އެމަޖެންސީ އަށް ދިޔުމުން ދެން ހެދީ ސީޓީ ސްކޭނެކެވެ.

ނިއުޒީލަންޑްގެ ހެލްތް އެންޑް ޑިސަބިލިޓީ ކޮމިޝަނަރު މޮރަގް މެކްޑޮވެލް ވިދާޅުވީ، އެ ޓޫލް ނުވަތަ އާލާތް އަންހެން މީހާގެ ބަނޑުގައި އޮތީ މީގެ 18 މަސް ކުރިން އޭނާ ސިޒޭރިއަން ހެދި އިރު ޑޮކްޓަރުންނަށް ނޭނގި ބަނޑުތެރެއަށް އެ ޓޫލް ދޫކޮށްލެވިފައި ވުމުން ކަމަށެވެ.

އެލްކްސިސް ރެޓްރެކްޓާ ނުވަތަ އޭޑަބްލިއުއާރަކީ، އިލާސްޓިކް ކުޑަ ޑަސްބިނެއްގެ ބައްޓަމަށް ހުޅުވާލެވޭ ދެކޮޅުގައި 2 ތޭރި ލައިފައި އޮންނަ ބަތްކާ ތައްޓެއްގެ ބައްޓަމަށް އޮންނަ ޓޫލްއެކެވެ. ސިޒޭރިއަން ހަދާއިރު އާންމުކޮށް ބޭނުން ކުރާ ޑައިމީޓަރުގައި 6 އިންޗި ހުންނަ މި ޓޫލް އަންހެން މީހާގެ ބަނޑުގެ ތެރޭގައި އޮންނަތާ 18 މަސް ވީއެވެ.

މި ހާދިސާއާ ގުޅިގެން ހިންގި ތަހުގީގަށް ފަހު މެކްޑޮވެން ވިދާޅުވީ، އެފަދަ ޕްރޮސީޖާއެއްގައި ކަންކަން ބަލަންވާ ވަރަށް ނުބެލި އޮތީ އެކަމުގައި އުޅުނު ނަރުހުންގެ އިހުމާލުން ކަމަށާއި އެފަދަ ކަމެއް ދެން ދިމާނުވާނެ ގޮތަށް ކަންކަން އިންތިޒާމް ކުރަން ޖެހޭ ކަމަށެވެ.

އަދި އެކަމާ ގުޅިގެން ހޮސްޕިޓަލްގެ ފަރާތުން ލިޔުމުން މާފަށް އެދުމަށާއި އެކަމުގައި އިތުރު ފިޔަވަޅުތަކެއް އަޅާނެތޯ ބެލުމަށް ހެލްތް ބޯޑަށް މައްސަލަ ފޮނުވާފައި ވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.