ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް އަހަރުތަކަކަށް ފަހު ސިޔާސީ މަސައްކަތްޕުޅެއްގައި ނުކުމެވަޑައިގަތުމުން އެކަމަނާ ބައްދަލު ކުރައްވާ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަލާމް ކުރައްވައިފިއެވެ.
ރައީސް ޔާމީނަށް ދެވަނަ ދައުރެއް ހޯއްދަވައި ދެއްވުމަށް ސީޔާސީ މަސައްކަތްތަކުގައި އޭރު ހަރަކާތްތެރި ވެވަޑައިގަތުމަށް ފަހު، މެޑަމް ފާތުން ވަނީ ސިޔާސީ ހަރަކާތްތަކުން ދުރަށް ޖެހިވަޑައިގެންފައެވެ. ނަމަވެސް އެކަމަނާ ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަށް މިރޭ 8:30 ގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ ދިވެހީންގެ ޖަގަހައަށް ވަޑައިގެންފައެވެ.
އެ ޖަގަހައިގައި އޮތް ބައްދަލުވުން ނިމުމުން މެޑަމް ފާތުން ޖަގަހައިން ބޭރަށް ނިކުމެވަޑައިގެން އިރު ވެސް އެކަމަނާއާއެކު ޕީޕީއެމްގެ ސަޕޯޓަރުން ދިޔައީ ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އެ ސަރަހައްދަށް އެ ވަގުތު ވަޑައިގަތީ އެމްޑީޕީން ވަކިވެވަޑައިގަތުމަށް ފަހު ޑިމޮކްރެޓަށް ސޮއި ކުރެއްވި ރައީސް މުހައްމަދު ނަޝީދެވެ. އަދި މެޑަމް ފާތުން ވަށާލައިގެން ތިބި ސަޕޯޓަރުންގެ ތެރެއަށް ވަދެވަޑައިގެން ނަޝީދު ވަނީ އެކަމަނާއާ ސަލާމް ކުރައްވާފައެވެ.
އެއަށްފަހު ފޯރިއާ އެކު ސަޕޯޓަރުންނާ އެކު ރައީސް ޔާމީން މިނިވަން ކުރުމަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.
ރައީސް ނަޝީދު ޑިމްކްރެޓްސްއާ ގުޅިވަޑައިގެން ފަހުން ވަޑައިގަންނަވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެ ގޮތުން ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީންގެ ޝަރީއަތަށް އަތްޕުޅުލެއްވި ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަތްޕުޅު އޮތީ ޝަރީއަތުގެ ތެރޭގައި ތާށިވެފައި ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރުމަށް ނަޝީދު ވަނީ ރައީސް ސޯލިހަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ. އަދި ރައީސް ޔާމީން ގެކޮޅަށް ބަދަލު ކުރުމަކީ އިންސާފުވެރި އިންތިހާބަކަށްޓަކާ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.