ރަޝިއާ އިން ހަނގުރާމަ ފެށުމުގެ ކުރިންސުރެ ފެށިގެން ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އޮލެކްސީ ރޮޒްނިކޯވް މަގާމުން ވަކި ކުރައްވައިފި ކަމަށް ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ އިއުލާން ކުރައްވައިފިއެވެ.

ޔޫކްރައިންގެ ސްޓޭޓް ޕްރޮޕަޓީ ފަންޑުގެ ވެރިޔާ ތުސްތެމް އުމެރޯވް އެ މަގާމަށް އައްޔަން ކުރެއްވުމަށް ފަހު އެކަން އިއުލާން ކުރައްވައި ޒެލެންސްކީ ވިދާޅުވީ، ޑިފެންސް މިނިސްޓްރީއަށް އާ ހިޔާލުތަކާއި އާ ގުޅުންތައް ބޭނުން ވާ ކަމަށާއި އަސްކަރިއްޔާ އާ ގުޅުން އޮންނަ ގޮތަށް އާންމު ރައްޔިތުންނާވެސް ގުޅުން ގާއިމު ކުރަން ޖެހޭކަމަށެވެ.

މަގާމުން ދުރުކުރި 57 އަހަރުގެ ރޮޒްނިކޯވް އަކީ ޔޫކްރައިންގެ އިތުރުން ހުޅަނގުގައި ވެސް މަގުބޫލުކަން ހޯއްދެވި ޝަހުސިއްޔަތަކަށް ވާއިރު، ހަނގުރާމަ އާއެކު ޔޫކްރައިން އަށް ބޭނުންވާ ހަތިޔާރު ހޯއްދެވުމަށް ހުޅަނގާއެކު އެންމެ ފުޅާދާއިރާއެއްގައި މަޝްވަރާތައް ކުރެއްވުމުގައި އިސްކޮށް ހުންނެވީވެސް އޭނާއެވެ.

މީޑިއާ ރިޕޯތްތައް ބުނާގޮތުން އޭނާ ދެން ބަދަލުވެވަޑައިގަންނަވާނީ ޔޫކްރައިން އިން އިނގިރޭސިވިލާތަށް ކަނޑައަޅާ އެމްބެސެޑަރުގެ މަގާމަށެވެ.

ރޮޒްނިކޯވް ވަކި ކުރި މި ވަގުތަކީ، ކޮރަޕްޝަންގެ ތުހުމަތުގައި ޔޫކްރައިންގެ ގިނަ އަދަދެއްގެ އިސް އޮފިޝަލުން މަގާމުތަކުން ވަކި ކުރަމުން ދާ ވަގުތެއް ނަމަވެސް ރޮޒްނިކޯވް އާ ގުޅޭގޮތުން އެފަދަ ތުހުމަތެއްގެ ވާހަކަ ޒެލެންސްކީ ހާމަ ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ހަބަރުތައް ބުނާގޮތުން އޭނާ އިސްތިއުފާ ދެއްވަން ޒެލެންސްކީ ދަންނަވާފައި ވާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި، އެއާ އެކު އެހެން ވަޒީފާއެއް ހޯއްދެވުމަށް ރޮޒްނިކޯވް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ބުނެފައި ވެއެވެ.

އޭނާ މަގާމުން ވަކި ކުރެއްވި އިރު، ކޮރަޕްޝަންގެ ތުހުމަތުތަކުގައި ޑިފެންސް މިނިސްތަރުގެ ނައިބާއި އެތާންގެ އިސް ބައެއް ޖެނެރަލުން މީގެ ކުރިން ވަނީ ވަކިކޮށްފައެވެ. އެ އިދާރާގެ އޮފިޝަލުންނަށް އޭރު ގިނަ ތުހުމަތުތަކެއް ކޮށްފައި ވާ އިރު، އޭގެ ތެރޭގައި ޕްރޮކިއުމަންޓާ ހިލާފަށް ތަކެތި ހޯދުމާއި ނާޖާއިޒު ފައިދާ ނެގުންފަދަ ކިތަންމެ ތުހުމަތެއް ހިމެނެއެވެ.

ޔޫކްރައިން އާއި ރަޝިއާ ހަނގުރާމައަށް ބަލާއިރު، ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް ޒެލެންސްކީ ވިދާޅުވެއެވެ. ނަމަވެސް އޭގެ މާބޮޑު ތަފްސީލުތަކެއް އޭނާ ދެއްވާފައެއް ނުވާއިރު، ޔޫކްރައިންގައި އުފައްދާ ޑްރޯން ބޭނުން ކޮށްގެން ރަޝިއާގެ އެކި މަގާމުތަކަށް މިފަހުން ކާމިޔާބު ހަމަލާތަކެއް އަންނަނީ ދެމުންނެވެ. ހަމަ އެގޮތަށް ރަޝިއާއިން ވެސް ދަނީ ޑްރޯނާއި މިސައިލާއި އެނޫންވެސް ބަރުހަތިޔާރު ބޭނުން ކޮށްގެން ޔޫކްރައިންގެ މަގާމުތަކަށް ހަމަލާ ދެމުންނެވެ.