ކުރީގެ ސަރުކާރުގައި އަންހެނުންނަށް ދިނީ އަނިޔާކަމަށާ އެކަންކަން ހަނދާން ނުނެތޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޭ މާލޭގައި އެމްޑީޕީ އިން ބޭއްވި އުފާވެރި މާލެ ކެމްޕޭން ޖަލްސާގައި ރޮޒައިނާ ވަނީ މި ސަރުކާރުގެ ފަސް އަހަރު ތެރޭގައި އަންހެނުންނަށް ހޯދައިދީފައިވާ ގިނަ ފުރުސަތުތަކަށް އަލިއަޅުވާލަފައެވެ.
މި ގޮތުން ރޮޒައިނާ ވިދާޅުވީ މިސަރުކާރުން އަންހެނުންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދީފިކަމަށެވެ. އަދި ވިޔަފާރިކުރުމުގެ ފުރުސަތުގެ އިތުރުން ސިޔާސީ ދާއިރާއަށް ނިކުތުމުގެ ފުރުސަތުވެސް ފަހިކޮށްދީފައިވާނެ ކަަމަށް ރޮޒައިނާ ވިދާޅުވިއެވެ. މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ މި ސަރުކާރުން ވިހެއުމުން މުސާރައާއެކު ހަމަސް ދުވަހުގެ ޗުއްޓީ ހަމަޖައްސައިދީފައިވާނެކަމަށެވެ.
މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރު ތެރޭގައި އަންހެނުންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެން ގޮސްފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ މެނިފެސްޓޯގައިވެސް އަންހެނުންނަށް ހިމަނާފައިވަނީ އަންހެނުން އެދުނު ކަންކަންކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
މިގޮތުން ރޮޒައިނާ ވިދާޅުވީ ދަރިމައިވުމުގެ މައްސަލަ ތަހައްމަލުކުރަމުންދާ މީހުންނަށް އާސަންދައިން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދުމުން އެކަން މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށެވެ. އަންހެނުން ކުޅޭނެ ދަނޑުތައް ނެތްކަމަށް ބުނުމުން އެކަންވެސް މެނިފެސްޓޯގައި ހިމަނާފައިވާނެކަން ފާހަގަކުރައްވަމުން ރޮޒައިނާ ވިދާޅުވީ ސްކޫލުކުދިންގެ ދަބަސް ބަރުކަމަށް ބުނުމުން އެކަމަށްވެސް މެނިފެސްޓޯގައި ހައްލު ގެނެސްދީފައިވާނެކަމަށެވެ.
މީގެ ކުރީ ސަރުކާރުގައި އަންހެނުންނަށް ދިނީ އަނިޔާކަން ފާހަގަކޮށް ރޮޒައިނާ ވިދާޅުވީ އެކަންކަން ހަދާން ނުނެތޭނެކަމަށެވެ. ކުރީ ސަރުކާރުން އަންހެނުންނަށް ދީފައިވާ އަނިޔާތަކުގެ ވާހަކަދައްކަވަމުން ރޮޒައިނާ ވަނީ މަޖިލީސް ތެރެއިން މޫނަށް ކުޅުޖެހި ހަނދާން އާކޮށްފައެވެ. މީގެއިތުރުން އަންހެން ނޫސްވެރިންނަށް ދިން އަނިޔާ އާއި ހައިކޯޓުގެ އަންހެން ފަނޑިޔާރަށް ދިން އަނިޔާތައް ހަނދާން ނުނެތޭނެ ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހް އަކީ ރައްޔިތުން ޓެސްޓްކޮށްފައިވާ ޕްރޮޑެކްޓެއްކަން ފާހަގަކުރައްވަމުން ރޮޒައިނާ ވަނީ އެ މަނިކުފާނަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.