ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ތާއީދުނުކުރައްވާ ކަމަށް ވިދާޅުވި ބަސްފުޅުތަކެއް ކަމަށް ބުނެ، ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށާއި، އެ ވާހަކަތައް ފަތުރަނީ އެމްޑީޕީން ގޮތް ހުސްވެގެން ކަމަށް، ކޯލިޝަން ހިންގުމާ ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.

އިއްޔެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ސްޕޯކްސްޕާސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، ރައީސްގެ ކެމްޕެއިން އޮފީހުން ނޫސްވެރިންނާ ހިއްސާކުރި ކަރުދާހެއްގައި ވަނީ، ޔާމީންގެ ތާއީދު މުއިއްޒަށް ނެތް ކަމަށް ދޭހަވާ ގޮތަކަށް ކޯޓު ތެރޭގައި ވާހަކަފުޅު ދެއްކެވި ކަމަށް ބުނެފައެވެ.

އެ ކަރުދާހުގައިވާ ވާހަކަ އާ ގުޅޭ ގޮތުން މުއިއްޒުގެ ސްޕޯކްސްޕާސަން އަދި އިދިކޮޅު ކޯލިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލާ އިއްޔެ ސުވާލުކުރުމަށް އޭނާ ވިދާޅުވީ އެ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

މި މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މުއިއްޒަށް ތާއީދު ހޯދުމުގެ ގޮތުން ޅ. ނައިފަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވި އަބްދުއްރަހީމް ވެސް ވަނީ އެ ވާހަކަ އަށް ރައްދު ދެއްވައިފައެވެ.

"ވާދަވެރި ކެންޑިޑޭޓުން ގޮތް ހުސްވެގެން ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން އުޅޭ މަންޒަރު އަޅުގަނޑުމެންނަށް މި ފެންނަނީ، އެއްގޮތުން ނުވިއްޔާ އަނެއް ގޮތަކުން ވެސް އަޅުގަނޑުމެންގެ ކެންޑިޑޭޓު ބަދުނާމުކުރެވޭތޯ ނުވަތަ އަޅުގަނޑުމެންގެ ކެންޑިޑޭޓާ ދޭތެރޭގަ ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދޭތޯ މަސައްކަތްކުރަމުންދާ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ،" ރައީސްގެ ކެމްޕެއިން އޮފީހުން ދިން ކަރުދާހުގައިވާ ވާހަކަ އާ ގުޅޭ ގޮތުން އޭނާ ވިދާޅުވިއެވެ.

ވާހަކަ ކުރިއަށް ގެންދަވަމުން އަބްދުއްރަހީމް ވަނީ، ރައީސަށް ނުވަތަ ސަރުކާރަށް އެނގެނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ޔާމީން އެދިވަޑައިގަތީ މުއިއްޒާ އެކީގައި ކުރިއަށް ވަޑައިގެން އޭނާ އަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށެވެ.

"ދެން ރައީސް ޔާމީނޭ ކިޔައިގެން ކޮން ވާހަކައެއްތޯ ދައްކަން މި އުޅެނީ؟ ރައީސް ޔާމީން ވިދާޅުވިއޭ ކިޔައިގެން ވާހަކަ ދެއްކޭނީ އަޅުގަނޑުމެންނަށް، ރައީސް ޔާމީން ވިދާޅުވާ އެއްޗެއް އިބްރާހީމް މުހައްމަދު ސޯލިހަކަށް މާރިޔާއަކަށް ނޭނގޭނެ،"
އަބްދުއްރަހީމް އަބްދުالله | ޕީއެންސީގެ ރައީސް

"ހަމަ ދެ އިރު ދެ ދަޅައަށް ނޫސް ކޮންފަރެންސް ބާއްވައިގެން މާރިޔާ މި ކުރާ ކަމަކީ މުއިއްޒު މުއިއްޒު މުއިއްޒު،" މާރިޔާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އަބްދުއްރަހީމް ވިދާޅުވިއެވެ.

ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމޭ ކިޔައިގެން އެތައް ވާހަކައެއް ފަތުރާނެ ކަމަށާއި، އެމްޑީޕީން އެ އުޅެނީ ހަދާނެ ގޮތް ހުސްވެގެން ކަމަށް ވެސް ވިދާޅުވިއެވެ.

"މީގެން އެއްވެސް ވާހަކައަކަށް ތިޔަބޭފުޅުން ޖާގަ ދެއްވައިގެނެއް ނުވާނެ، އަޑު އައްސަވައިގެނެއް ނުވާނެ،"

"ޔަގީންކުރައްވާ، ރައީސް ޔާމީންގެ ފުރިހަމަ ތާއީދު އޮތީ ޑރ. މުހައްމަދު މުއިއްޒަށް، އެއީ އެއްވެސް ސުވާލެއް އޮތް ކަމެއް ވެސް ނޫން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މި މައްސަލައިގައި ޔާމީންގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ:

  • ހައިކޯޓުގައި ޔާމީން މިފަދައިން ވިދާޅުނުވާ ކަމަށް
  • ޔާމީން ތާއީދުކުރައްވަނީ މުއިއްޒަށާއި ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފަށް ކަމަށް

މިއީ ޔާމީނަށް ނަފްރަތުކުރާ މީހުން، ޔާމީނަށް އޮތް ތާއީދު ގެއްލުވާލައި ފިތުނަ އުފެއްދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ ސިފަކޮށްފައެވެ.