މާލެ ހިމެނޭހެން ރާއްޖޭގެ ހަތަރު ސިޓީއަކާއި ރަށެއްގައި ޖުމްލަ 4،000 ފްލެޓު އިމާރާތްކުރުމަށް ފަހި ދިރިއުޅުން ކުންފުނިން އެމެރިކާގެ ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފިއެވެ.

ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް އުފެއްދި ފަހި ދިރިއުޅުން ކުންފުންޏާއި އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ސްޓްރަކްޗާސް އަންލިމިޓެޑާ ދެމެދު އިއްޔެ ވެވުނު އެއްބަސްވުމުގެ ދަށުން، 4،000 ފްލެޓު އެޅުމަށް ހަމަޖެހިފައި ވަނީ:

  • އައްޑު އާއި މާލެ، ކޮންމެ ސިޓީއަކަށް 750 ފްލެޓު
  • ކުޅުދުއްފުށި ސިޓީ އާއި ލ. ގަން، ކޮންމެ ތަނަކަށް 1،000 ފްލެޓު
  • އަލަށް ސިޓީއެއްގެ ދަރަޖަ ދިން ތިނަދު އަށް 500 ފްލެޓު

249 މިލިއަން ޑޮލަރަށް ހަވާލުކުރި އެ މަޝްރޫއުގައި ފަހި ދިރިއުޅުން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސަލްފިޔާ އަންވަރެވެ. އަދި އެމެރިކާގެ ސްޓްރަކްޗާސް އަންލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން ކަރީމް ޖަމަލް އަބްދުއްސަލާމެވެ.

ފަހި ދިރިއުޅުމުގެ ފަރާތުން ބުނީ، ދެ ފަރާތުން ވެވުނު އެއްބަސްވުމުގެ ދަށުން، އެ މަޝްރޫއު ނިންމުމަށް ހަމަޖެހިފައި ވަނީ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާތާ ތިން އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ.