ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އުފަން ރަށް ހިންނަވަރުގައި މި ސަރުކާރުން ބިން ހިއްކައި ގޯތި ދިން އިރު އެތަން އޮތީ ރައްޔިތުންނަށް ބޭނުން ހިފޭ ގޮތަކަށް ނޫން ކަމަށާއި ހިންނަވަރު ވީމައި އެރަށަށް ވަރަށް ގިނަ ކަންކަން ކޮށްދެއްވާނެ ކަމަށް ހީއްކުރެއްވި ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ޅ. ކެމްޕެއިން ދަތުރުގެ ތެރެއިން ނައިފަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެ ރަށުގެ ރައްޔިތުން ހިއްސާ ކުރި ވާހަކަތަކަށް އަލިއަޅުވާލައްވަމުން މުއިއްޒު ވިދާޅުވީ، އެރަށުގައި ބިން ހިއްކައި ގޯތި ދީފައި ވާއިރު، އެ ބިމުގެ ބޭނުން ހިފޭ ގޮތަށް ކަންކަން ކޮށްދީފައި ނުވާ ކަމަށެވެ. ގޯތި ދީފައި ވާއިރު އެ ބިމަށް ފެނާއި ނަރުދަމާއި ކަރަންޓު ލިބޭނެ އެއްވެސް ގޮތެއް ނެތް ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. ނަމަވެސް ގޯތި އަޅާފައި ގެ އަޅައިގެން ދާން ދީފައި އޮތުމުން ރައްޔިތުންގެ އެ ކަންބޮޑުވުމަށް ހައްލު ގެނެސް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން ހިންނަވަރުގައި ބިން ހިއްކި ސަރަހައްދަށް ފެނާއި ނަރުދަމާއި ކަރަންޓު ގާއިމް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ފެން ޕްލާންޓްގެ ކެޕޭސިޓީ އިތުރު ކޮށްދެއްވާނެ ކަމަށާއި އެކަމުން ރައްޔިތުންނަށް ނަފާ ލިބިގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން އެރަށުގެ ހޮސްޕިޓަލްގެ މަސައްކަތް ކުރަން ޖެހޭ ކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ ހޮސްޕިޓަލް އިމާރާތް އަޅައި ދެއްވާނެ ކަމަށެވެ.
ރައީސް ސޯލިހްގެ 5 އަހަރު ނިމިގެން ދާ އިރު އެރަށަށް މާ ބޮޑު ކަމެއް ކޮށްދީފައި ނުވާ ކަމަށް ރައްޔިތުން ބުނި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެއީ ސޯލިހްގެ އުފަން ރަށަށް ވުމުން ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ގަބޫލު ކުރެއްވުނު ކަމަށެވެ. ނަމަވެސް ކަން ވީ އެހެން ނޫން ކަމަށާއި ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވިއެވެ. އެގޮތުން އެރަށަށް އުމްރާނީ ތަރައްގީ އާއި އިގްތިސޯދީ ތަރައްގީ އާއި ޒުވާނުންނަށް އަދި ސިއްހީ ދާއިރާއަށް ވެސް ތަރައްގީ ގެނެސްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު މިއަދު ވަނީ ޅ. ހިންނަވަރަށް ވެސް ވަޑައިގެންފައެވެ. މުއިއްޒު ހިންވަރަށް ވަޑައިގެން އިރު އެ ރަށުގައި އެމްޑީޕީ ސަޕޯޓަރުން ވެސް ދިޔައީ ރައީސް ސޮލިހް ވަޑައިގަންނަވާތީ އެކަމަށް ތައްޔާރު ވަމުންނެވެ.
މިއަދު ހިންނަވަރުން ފެނިވަޑައިގެން މަންޒަރަކީ މި ރާއްޖެއަށް ދިމާވެފައި އޮތް ހާލަތުން އަރައިގަތުމުގައި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން ފެންނަން ޖެހޭ ހިތްވަރު ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަމަށްޓަކައި މުއިއްޒަށް މަރުހަބާ ކިޔުމަށް ނިކުތް ހިންނަވަރުގެ ރައްޔިތުންނަށް މުއިއްޒުވަނީ ހާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ.
މީގެ އިތުރުން މިއަދު މުއިއްޒު ކެމޕެއިން ދަތުރުގައި ވަޑައިގެން އެ އަތޮޅުގެ ކުރެންދޫއަށް ކޮށްދެއްވާނެ ކަންކަން ވެސް ނައިފަރުގައި ބޭއްވި ޖަލްސާގައި ވަނީ ހިއްސާ ކުރައްވާފައެވެ.
އެ ގޮތުން ކުރެންދޫ ބަނދަރުގެ ޖާގާ އިތުރު ކޮށް ބޭރު ތޮށި ތިރި ކަމުން އެ ތޮށި އުސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ބްރޭކް ވޯޓާ ބަދަލުކޮށް ބަނދަރުގެ މަޝްރޫއު ކުރިއަށް ގެންގޮސް ދެއްވާނެ ކަމަށާއި ކުރެންދޫގެ ބިމުގެ ތެރެއިން އެ ރަށަށް ބޭނުންވާ ވަރުގެ ގެދޮރުވެރިކަމުގެ މަޝްރޫއެއް ވެސް ކުރިއަށް ގެންދަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ޒުވާނުންގެ މަރުކަޒެއް އަޅާއިދެއްވާނެ ކަމަށާއި ސިއްހީ ނިޒާމްވެސް ތަރައްގީ ކުރުމަށް ވިސްނަވާ ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ.