ކުރީގެ ހުރިހާ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާއީ ފްލެޓުތަކުގެ [ސޯޝަލް ހައުސިންގެ] ކުލި މާފު ކޮށްދެއްވާނެ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިއަދު އެކްސްގައި [ކުރިން ޓްވިޓާ] ވިދާޅުވީ، ކޮންމެ ރަށެއްގެ ކޮންމެ ބިމެއް އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ހިލޭ ދެވެން އޮތް ނަމަ އެ ބިންތައް ރައްޔިތުންނަށް ހިލޭ ދިނުމަށް ދުވަހަކުވެސް ދެކޮޅު ނުހައްދަވާނެ ކަމަށެވެ. ނަމަވެސް ހުރިހާ ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ އަގުބޮޑު ބިންތަކެއް ހިލޭ ދެވޭނަމަ އެންމެ ހާލުގައި ދިރިއުޅޭ ރައްޔިތުންނަށް ދޫކޮށްފައިވާ ފްލެޓްތަކުން ކުލި ނެގުމަކީ އިންސާފަކުން ކުރެވޭ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ނަމަވެސް ދިވެހި ދައުލަތުގައި އޮތް [އެންމެހާ ރައްޔިތުންގެ ފައިސާ އިން ހިއްކާފައިވާ] އެންމެ އަގުބޮޑު ބިންތައް ވަކި ބަޔަކަށް ދޭ އިރު، އެ ހައްްގުން ބައެއް ރައްޔިތުން މަހުރޫމުވެފައި، އަދި ހަމަ އެބިމުގައި ޢިމާރާތް ކޮށްފައިވާ އިޖްތިމާއީ ބޯ ހިޔާވަހިކަމުގެ ކުދި ކުދި ފްލެޓް ތަކުން 20 – 25 އަހަރުން 2.5 މިލިއަން ރުފިޔާ ރައްޔިތުންގެ ތެރެއިން ގޯތި ގެދޮރުގެ ދަތިކަން އެންމެ ބޮޑު، އެންމެ ހާލުގައި ދިރިއުޅޭ މީހުންގެ އަތުން ނެގުމަކީ ކޮންކަހަލަ ހަމަ އަކުން، ކޮންކަހަލަ އިންސާފަކުން ކުރައްވާ ކަމެއްތޯ އެވެ!" ގާސިމް ވިދާޅުވެފައި ވެއެވެ.

އެހެން ކަމުން އޭނާގެ ވެރިކަމެއްގައި ކުރީގެ ހުރިހާ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާއީ ފްލެޓުތަކުގެ ކުލި އެ ރައްޔިތުންނަށް މާފު ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ފޯރީގައި ކެމްޕެއިންތައް ކުރިއަށް ދާއިރު، ގާސިމްވެސް ގެންދަވަނީ ރަށްރަށަށް ދަތުރުކުރައްވާ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.

އަދި އެ ކެމްޕެއިން ދަތުރުތަކުގައި ކޮންމެ ރަށެއްގެ ބަނދަރު މަތީ މިސްކިތެއް އަޅައިދިނުމާއި، ސްކޫލްތަކުގެ ކްލާސްރޫމްތަކާއި މިސްކިތްތަކުގައި އޭސީ ހަރުކޮށްދިނުމާއި، ބަނދަރު މަތީ ފާހާނާ ބަރިއެއް އަޅައިދިނުމާއި، ސްކޫލްތަކުގައި މި ޒަމާނުގެ ކޮމްޕިއުޓާ ލެބެއް ގާއިމް ކޮށްދިނުމާއި، ސްކޫލްތަކުގައި ސްމާޓް ބޯޑާއި 75 އިންޗީގެ ޓީވީ ހަރުކޮށްދިނުމުގެ އިތުރުން ކޮންމެ ރަށެއްގައި ހިނަވާ ގެއެއް ގާއިމް ކޮށްދިނުމަކީ ގާސިމް ކޮންމެ ރަށަކަށް ކޮށްދެއްވާނެ ކަމަށް ވައުދު ވެވަޑައިގެންފައިވާ ކަންތައްތަކެވެ.