ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ހުޅުމާލެއާއި މާލެއާ ދެމެދު ދެމުން އަންނަ ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ.
އެމްޓީސީސީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން މާލެ އާއި ހުޅުމާލެއާ ގުޅުވާދޭ ވެސްޓް ޕާކް ރޫޓުން ދަތުރުކުރާ ބަހުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.
އެގޮތުން ދަންވަރު 00:00 އަދި 00:15 ގައި އޮންނަ ދަތުރަށް ފަހު ފަތިހު 05:15 ވަންދެން ކޮންމެ އެއް ގަޑިއިރަކުން ބަސް ދަތުރެއް އިތުރު ކޮށްފައިވާ ކަމަށާއި ފަތިހު 05:45 ގައި ވެސް ބަސް ދަތުރު ކުރާނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
މިކަމާ ގުޅިގެން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މާލެއާއި ހުޅުމާލެއާ ދެމެދު ދެމުން އަންނަ ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށް ނިންމީ އެކި އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ދަންވަރު ޑިއުޓީ ނިމޭ މުވައްޒަފުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ. މީގެ ކުރިން ރޭގަނޑުގެ ފަހު ދަތުރު ކުރަނީ 0:15 ގައެވެ.
އެމްޓީސީސީން އަންނަނީ ހުޅުމާލެއިން މާލެއަށް ދުވާލު ކޮންމެ 15 މިނެޓަކުން ބަސް ދަތުރު ކުރުމުންނެވެ. މާލެއާއި ހުޅުމާލެ ފޭސް 1 އާ ދެމެދު ބަހުގެ ހިދުމަތް ދެނީ ކޮޅަކަށް 10 ރުފިޔާގެ ރޭޓުންނެވެ. އަދި ފޭސް 2 އަށް ދަތުރު ކުރަނީ ކޮޅަކަށް 15 ރުފިޔާގެ ރޭޓުންނެވެ.