ޒަމާނީ ވަސީލަތްތަކާއެކު ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމަށްފަހު މިއަދު އާންމުނަށް ހުޅުވާލައިފިއެވެ.

ދާރުލްއާސާރު ހުޅުވާފައި ހުންނާނީ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ހެނދުނު 10:15 އިން މެންދުރުފަހު 15:30 އަށެވެ.

ދާރުލްއާސާރު ތަރައްގީކޮށް ޒަމާނީ ވަސީލަތްތައްތަކާއި ހިދުމަތް ގާއިމް ކުރުމުގެ މަސައްކަތަކީ ބޭންކް އޮފް މޯލްޑިވްސްގެ ގްރާންޓް އެހީއާއި ދައުލަތާއި ހެރިޓޭޖް ޓްރަސްޓް ފަންޑުން ހަރަދުކޮށްގެން ކުރި މަސައްކަތެކެވެ.

މި މަޝްރޫއުގައި ބޭންކް އޮފް މޯލްޑިވްސްގެ ގްރާންޓް އެހީގެ ދަށުން އާ ޝޯކޭސްތައް ބެހެއްޓުމާއި، ޑިޖިޓަލް ސްކްރީންތަކާއި މައުލޫމާތު ކިއޮސްކްތަކެއް ބެހެއްޓުމާއި، ދާރުލްއާސާރުގެ އާބަތުރަފިލުވުމަށް ކުރަންޖެހޭ ބައެއް މަސައްކަތްތައް ވަނީ ކޮށްފައެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނީ، މި މަސައްކަތް ކުރުމަށް ބީއެމްއެލްގެ ސީއެސްއާރްގެ ދަށުން 2 މިލިޔަން ރުފިޔާގެ އެހީއެއް ދީފައިވާ ކަމަށެވެ.

ގައުމީ މަރުކަޒުން ބުނީ، މި މަޝްރޫއުގެ ތެރެއިން ދާރުލްއާސާރުގެ ޖާގައަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނެސް، އިމާރާތުގެ އާބާތުރަ ފިލުވައި، ދާރުލްއާސާރުގެ ފިނިހޫނުމިން ބަލަހައްޓާ ނިޒާމު ޒަމާނީ އަދި ފެންވަރު ރަނގަޅު ނިޒާމަކަށް ބަދަލުކޮށް، އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސެކިއުރިޓީ ކެމެރާ ނެޓްވޯކެއް ގާއިމް ކޮށްފައިވާ ކަމަށެވެ.

މި ކަންކަމަށް ދިވެހި ދައުލަތުގެ ބަޖެޓުން ޖުމްލަ 4.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ދާރުލްއާސާރުގެ ތަރައްގީއަށް ކުރަންޖެހޭ އެހެނިހެން ބައެއް ކަންކަން ކުރުމަށް ހެރިޓޭޖް ޓްރަސްޓް ފަންޑުން 185 ހާސް ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެމަރުކަޒުން ބުނެއެވެ.