ރަޝިއާގެ ހުޅަނގު އުތުރު ޕެސްކޯވް ގައި އޮންނަ އަސްކަރީ ސާމަނު އުފުލާ 2 މަތިންދާ ބޯޓު ޔޫކްރައިން އިން ގޮއްވާލައިފިއެވެ.

ރަޝިއާގެ އިދާރާތަކުން ބުނީ، އެ ދެބޯޓަށް ހަމަލާ ދީފައި ވަނީ ޑްރޯން ބޭނުން ކޮށްގެން ކަމަށާއި ހަމާލާގައި ބޯޓުގައި ރޯވެ އަނދާފައި ވާ ކަމަށެވެ. އެ ދެ ބޯޓަކީ އަސްކަރީ ސާމާނު އުފުލުމަށް ބޭނުން ކުރާ 2 ބޯޓަށް ވާއިރު ބޯޓުގައި ރޯވެ އަނދަމުން ދިޔަ އިރު ބައެއް ތަކެތި ގޮވާތަން ފެންނަ ވީޑިއޯ ޕެސްކޯވްގެ ގަވަރުނަރު ވަނީ އާންމު ކުރައްވާފައެވެ.

ޔޫކްރައިން އާ 372 މޭލު ދުރުގައި، އެސްޓޯނިއާގެ ބޯޑަރާ ކައިރީގައި އޮންނަ ޕެސްކޯވް އަށް މި ހަމަލާ އާ ގުޅިގެން މިހާތަނަށް ޔޫކްރައިން އިން އަދި އެއްޗެއް ބުނެފައި ނުވި ނަމަވެސް މިއީ ޔޫކްރައިންގެ ހަމަލާއެއް ކަމަށް ރަޝިއާ ބުނެއެވެ. އާންމުކޮށް ރަޝިއާގެ ތެރެއަށް ޔޫކްރައިން އިން ދޭ މިފަދަ ހަމަލާތަކުގެ ވާހަކަ ނުވަތަ ޒިންމާ ޔޫކްރައިން އިން އުފުލާ ދައްކާ ނަހަދައެވެ.

ޔޫކްރައިންގެ މިފަދަ ހަމަލާއެއް ރަޝިއާ އަށް އަމާޒުވި އިރު ރަޝިއާއިން ވަނީ ޔޫކްރައިން އިން ކަޅުކަނޑުގައި 50 މީހުންނާއެކު ދުއްވަމުން ދިޔަ 4 އަސްކަރީ ސްޕީޑް ބޯޓް ގޮއްވާލާފައެވެ. އަދި ރަޝިއާގެ ބްރިޔާންސްކް އާއި އޮރިޔޯލް އަށް އަމާޒުކޮށް ޔޫކްރައިން އިން ފޮނުވާލި ޑްރޯންތަކެއްވެސް ވައްޓާލާފައި ވާ ކަަމަށް ރަޝިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޔޫކްރައިންގެ ހަމަލާތައް ވަރުގަދަވެ ރަޝިއާގެ އެތެރޭގެ އެކި މަގާމުތަކަށް އަމާޒުވަމުން ދާ މިދަނޑިވަޅުގައި ރޭ މޮސްކޯގެ ވްނަކޯވޯ އެއާޕޮޓްވެސް ބަންދު ކުރިއެވެ.

ރޭ ހަމަލާދީ 2 ބޯޓު ގޮއްވާލި ޕެސްކޯވް އެއާޕޯޓަކީ މިދިޔަ މެއި މަހުވެސް ޑްރޯން ހަމަލާއެއް ދިން އެއާޕޯޓެކެވެ. އެފަހަރުވެސް މީހަކަށް އަނިޔާއެއް ނުވާއިރު ރޭގެ ހަމަލާގައި ވެސް އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ބުނެއެވެ.

ހުސްވި ހަފްތާގައި ވެސް ޔޫކްރައިން އިން ރަޝިއާއަށް ޑްރޯން ހަމަލާތައް ދިނެވެ. އޭގެ އެއް ހަމަލާ، ބެލްގޮރޮޑް ސަރަހައްދަށް އަމާޒުވި އިރު 3 މީހަކު ވަނީ މަރުވެފައެވެ. ހަމަ އެ ދުވަހު ވެރިރަށް މޮސްކޯއަށް ވެސް ޑްރޯން ހަމަލާ ދިނެވެ.

އޭގެ ދުވަސްކޮޅެއް ކުރިން ރަޝިއާގެ ފަހުރެއް ކަމުގައި ހިމެނޭ ދުރުރާސްތާ ބޮން އަޅާ ބޯޓެއްވެސް ޔޫކްރައިން އިން ވަނީ ގޮއްވާލާފައެވެ.

ޔޫކްރައިންގެ ޑްރޯން ހަމަލާތައް އިތުރުކޮށް އެކި އަމާޒުތަކަށް ހަމަލާ ދެމުން ގެންދާ އިރު، ހަނގުރާމައިގެ މިސްރާބު މަޑުމަޑުން ބަދަލުވަމުން ދާ ކަމަށް މުރާސިލުން ބުނެއެވެ. ޔޫކްރައިންގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔޫކްރައިންގެ ފޯކަސް މިވަގުތު ހުރީ ފިނި މޫސުން އަންނާތީއާ އެކު އެގައުމުގައި އުފައްދާ ޑްރޯން ޓެކްނޮލޮޖީ އިތުރަށް ވަރުގަދަ ކޮށް އެއްގަމާއި ކަނޑުން ވަރުގަދަ ޑްރޯން ހަމަލާތަކެއް ދިނުމަށެވެ. އަދި ފިނި މޫސުމާއެކު ވައިގެ މަގުން ހަމަލާ ދިނުމަށް ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށާއި، އެމެރިކާ އާއި ހުޅަނގުން ފޯރުކޮށްދޭން އެއްބަސްވެފައި ވާ އެފް-16 މަރުކާރުގެ ބޮން އަޅާ ބޯޓުތަކުގެ މާ ބޮޑު ބޭނުމެއްވެސް ފިނި މޫސުމުގައި ނުކުރެވޭނެ ކަމަށް ވެސް ބުނެެއެވެ.