ދައުލަތަށް ލިބިފައި ހުރި ހަދިޔާ ގަވައިދާ ހިލާފަށް ވިއްކެވި މައްސަލައިގައި ކޮޕަރްޝަންގެ ދައުވާ އުފުލައި 3 އަހަރަށް ޖަލަށް ލި ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންއަށް ކުރި ހުކުމް ސަސްޕެންޑް ކޮށް އޭނާ ދޫކޮށްލަން އެގައުމުގެ ހައިކޯޓުން ދާދި ދެންމެ ހުކުމް ކޮށްފިއެވެ.

އުމުުރުން 70 އަހަރުގެ އިމްރާން މައްޗަށް އުފުލި ދައުވާގައި އޭނާ ކުށްވެރި ވާކަމަށް ދަށު ކޯޓުން ކަނޑައެޅީ މިދިޔަ އޯގަސްޓް މަހުގެ 5 ވަނަ ދުވަހުއެވެ. އޭނާ ކުށްވެރިވީ 2018 އިން 2022 އަށް ބޮޑުވަޒީރު ކަމުގައި ހުންނެވި އިރު އެގައުމަށް [ދައުލަތަށް] އެކި ގައުމުތަކުންނާއި އެކިއެކި އިއްޒަތްތެރިންގެ ފަރާތުން ލިބިވަޑައިގެންނެވި ހަދިޔާތައް ވިއްކެވި މައްސަލައިގައެވެ.

މިދިޔަ 2022 ގެ އޭޕްރީލްގައި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްކޮށް މަގާމުން ވަކިކުރުމަށް ފަހު މިއަދާ ހަމައަށް 105 މައްސަލައެއްގައި އޭނާގެ މައްޗަށް ތުހުމަތު ކޮށް، ބައެއް މައްސަލަތަކުގައި ވަނީ ދައުވާ އުފުލާފައެވެ.

މި ވަގުތު ސާބިތުވި މައްސަލައިގައި އޭނާ ޖަލަށް ލާފައި ވާއިރު، އެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ވެރިރަށް އިސްލާމްއާބާދާ 54 މޭލު ދުރުގައި އޮންނަ އަޓޯކް ސިޓީގެ ޖަލުގައެވެ.

އެ ހުކުމާ ގުޅިގެން ކުރިއަށް އޮތް 5 އަހަރަށް އިންތިހާބު ތަކުގައި ވާދަ ކުރެއްވުން އޭނާއަށް މަނާވެފައި އޮތް ނަމަވެސް ހައިކޯޓުން ހުކުމް ސަސްޕެންޑް ކުރުމުން އަލުން ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ.

މި ހުކުމާ ގުޅިގެން އޭނާ ނިސްބްތަވާ ތާރީކޭ އިންސާފު ޕާޓީން ވަނީ، އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ.

ޕާކސިްތާންގެ އާންމު އިންތިހާބު ބޯމަތިވެފައި ވާއިރު، ގާނޫނު އަސާސީގައި ބުނާ ވަގުތީ ސަރުކާރަކާ ވެރިކަމުގެ ބާރުތައް ހަވާލު ކޮށްފައި ވާއިރު، އެންމެ ފަހުން ބޮޑުވަޒީރު ކަމުގައި ހުންނެވި ޝާހްބާޒް ޝަރީފު ވިދާޅުވެފައި ވަނީ، ހައިކޯޓުން ހަމައެކަނި ހުކުމް ސަސްޕެންޑް ކުރީ ކަމަށާއި، ހުކުމް ބާތިލް ނުކުރާ ކަމަށެވެ.

ނަމަވެސް މިވާހަކަތާ ގުޅިގެން އިމްރާންގެ ޕާޓީން ބުނެފައި ވަނީ، މާ ގިނަ ބަހަނާ ދައްކަން ހަދާނެ ކަމެއް ނެތް ކަމަށާއި ވަގުތުން ވަގުތަށް އިމްރާން ދޫކޮށްލަންވީ ކަމަށެވެ.