މާލޭގެ މޭޔަރު އަދި ވާދަވެރި ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް ނުދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ތ. ހިރިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2018 ގައި އެމަނިކުފާނު އެ ރަށަށް ވަޑައިގަތުމުން ރައްޔިތުން އެދުނީ އެ ރަށުގެ ބިން ހިއްކައިދިނުމަށް ކަމަށެވެ. ރައީސް ވިދާޅުވީ، ހިރިލަންދު އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް ވާދަކުރައްވައި އެ ރަށަށް ކެމްޕެއިނަށް ވަޑައިގެން، "މި ރަށުގެ ފުށްޓަރު ފަރާތަށް އަރާ ރާޅު ބޮޑުކަމުން ބިން ނުހިއްކޭނޭ، އެކަމެއް ނުކުރެވޭނެޔޭ" ވިދާޅުވި ކަމަށެވެ.

މުއިއްޒަށް ފާޑުވިދާޅުވެ ރައީސް ވިދާޅުވީ، އެއީ މުއިއްޒު އޭރު ޔާމީނަށް އެރުއްވި ލަފާ ކަމަށާއި، އެހެންކަމުން މުއިއްޒަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، އޭނާ ކަންކުރައްވާނީ އެފަދައިން ކަމަށެވެ.

"ހަމައެކަނި އެ ބޭފުޅުންނަށް ކުރެވެން އޮތީ އެންމެ ކަމެއް،" ޔާމީން މިނިވަން ކުރުމަށް އިދިކޮޅުން ގޮވާލާ ހިންގާ ހަރަކާތަށް އަލިއަޅުވާލައްވައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، ގިނަ ރަށްރަށަށް ބޯފެނުގެ ހިދުމަތެއް ނުލިބޭ ކަމަށާއި، އެ ރަށްރަށުގައި ފާހާނާ ކުރެވޭނެ ގޮތެއް، ސާފު ފެން ލިބުން ފަދަ އަސާސީ ހިދުމަތްތައް ލިބެން އޭރު ނެތް ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރެއްވިއެވެ.

އެހެންވެ 125 ރަށަކަށް އެމްބިއުލާންސާއި 151 ރަށަކަށް އިންޖީނުގެ އާއި ކަރަންޓު ނެޓްވޯކު ފޯރުކޮށްދީ، 125 އަށް ވުރެ ގިނަ ރަށްރަށުގެ ބަނދަރު ތަރައްގީ ކުރަން ޖެހިވަަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.

އޭރުގެ ވެރިކަމުގައި ހިނގައި ދިޔަ ކަންކަމަށް އަދިވެސް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ:

  • މިނިވަންކަމާ އެކީ ޝަރީއަތް ނުހިންގުނު ކަމަށް
  • ސަރުކާރާ ދެކޮޅަށް މަޖިލީހުގައި ފާޅުކުރާ ހިޔާލެއްގެ ސަބަބުން މެންބަރުން ހައްޔަރުކޮށްގެން ގެންދާ ކަމަށް

އެއާއެކު ކުރިއަށް އޮތް ދައުރުގައި ހިރިލަންދު އަށް ކޮށްދެއްވާނެ ބައެއް ކަންކަން ވެސް ރައީސް ހާމަކުރެއްވިއެވެ. އެ ރަށަށް ރައީސް ވެވަޑައިގަތް ވައުދުތަކަކީ:

  • ހިރިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުން
  • އެ ރަށުގެ ބަނދަރު ބޮޑުކޮށް ވަސީލަތްތައް ގާއިމްކުރުން
  • ކޯލްޑް ސްޓޮރެޖް ހަދައި މަސް ކިރޭނެ ގޮތް ހަދައިދިނުން
  • ހިރިލަންދޫގެ ސިއްހީ މަރުކަޒު ތަރައްގީކޮށް ގިނަ ހިދުމަތްތައް ތައާރަފްކުރުން

އެހެންކަމުން އުފާވެރި އަމާން ތަނަކަށް ރާއްޖެ ހެދުމަށްޓަކައި އެމަނިކުފާނަށް ދޭ ވޯޓު މުހިންމު ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ތަކުރާރު ކުރެއްވިއެވެ.

"އެހެންވީމާ ތި ބޭފުޅުން ވަރަށް ވިސްނަވާތި، [އިދިކޮޅުން] ނިކުމެ އެ ހުންނެވީ އެއް ސިފައެއްގަ،" ރައީސް ވިދާޅުވިއެވެ.