ދުނިޔޭގެ އެންމެ ވަރުގަދަ 20 އިގްތިސޯދު ހިމެނޭ ޖީ20 ގެ ވެރިންގެ ބައްދަލުވުން އަންނަ މަހަށް ތާވަލު ކޮށްފައި ވާއިރު އެ ބައްދަލުވުމުގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ބައިވެރި ވެވަޑައިނުގަންނަވާނެ ކަމަށް އެގައުމުން ބުނެފިއެވެ.

އަންނަ މަހުގެ 9 އިން 10 އަށް އިންޑިއާގެ ވެރިރަށް ދިއްލީގައި ބާއްވާ މި ބައްދަލު ވުމުގައި ޕުޓިން ބައިވެރި ވެވަޑައިނުގަންނަވަނީ، ރަޝިއާއިން ޔޫކްރައިން އަށް އަރާ ހިންގާ 'ހާއްސާ އަސްކަރީ އޮޕަރޭޝަން' އާ ގުޅިގެން ކަމަށް ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް ވަނީ ވިދާޅުވެފައެވެ.

ޖީ20 ގެ މިއަދުރުގެ ރިޔާސަތު ބަލަހައްޓާ އިންޑިއާ އިން އެގައުމުގެ އެކި ސިޓީތަކުގައި ޖީ20ގެ ވެރިންގެ ފެންވަރުގެ 256 އަށް ވުރެ ގިނަ ބައްދަލުވުން ބާއްވާ އިރު، އެކިއެކި މައުޟޫތަކުގައި މަޝްވަރާކޮށް ގިނަ ސިޔާސަތުތައް ދަނީ ނިންމަމުންނެވެ. ނަމަވެސް ޔޫކްރައިން ހަނގުރާމައިގެ ހިޔަނި ޖީ20 އަށް އެޅިފައި ވާ އިރު، ބައެއް ބައްދަލުވުންތައް ނިމިގެން ދަނީ، ރަޝިއާ ކުށްވެރި ކުރުމުގައި، ބައިވެރިވާ ގައުމުތަކަށް ގޮތެއް ނުނިންމިއެވެ.

އެ ބައްދަލުވުންތަކުގައި ބައިވެރިވާ ހުޅަނގުގެ ގިނަ ގައުމުތަކުން، ޔޫކްރައިން މައްސަލައިގައި ރަޝިއާ ކުށްވެރި ކުރަން ގޮވާލަމުން ގެންދާ އިރު، ޗައިނާ ފަދަ ބޮޑެތި ގައުމުތަކުން އެކަމުގައި ފަސްޖެހެއެވެ. ޗައިނާގެ ސިޔާސަތަކީ ވަކި އަތަކަށް ނުޖެހުން ކަމަށް ބުނަމުން ގެންދާ އިރު ހުޅަނގުން ހިފަހައްޓަމުން ގެންދާ ސިޔާސަތަކީ، ރަޝިއާ ކުށްވެރި ކުރުމެވެ.

ޖީ20 ގެ ވެރިންގެ ބައްދަލުވުމުގައި ޕުޓިން ބައިވެރި ވެވަޑައިނުގަންނަވާނެކަން އިއުލާން ކޮށްފައި ވާ އިރު ހަނގުރާމައިގެ ޖަރީމާ ހިންގެވި ކަމުގެ ކުށުގައި އޭނާ ހައްޔަރު ކުރަން ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެފައެވެ. އެ އަމުރުގެ ސަބަބުން ގައުމުން ބޭރަށް ވަޑައިގަތުމުގައި ޕުޓިން އަށް ގޮންޖެހުންތައް ހުރުމަކީވެސް ޖީ20 ގައި އޭނާ ބައިވެރި ވެވަޑައިނުގަންނަވާ އެއް ސަބަބު ކަމަށް މުރާސިލުން ބުނެއެވެ.

މީގެ ކުރިން އިންޑޮނީޝިއާގައި ބޭއްވި ޖީ20 ގެ ވެރިންގެ ބައްދަލުވުމާއި، އިހަށް ދުވަހު ދެކުނު އެފްރިކާގައި ބޭއްވި "ބްރިކްސް' ގެ ގައުމުގެ ތަކުގެ ބައްދަލުވުމަށް ވެސް އޭނާ ވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް ބްރިކްސް ގެ ބައްދަލުވުމުގައި ވާޗުއަލް ކޮށް އޭނާ ތަގުރީރެއް ދެއްވާފައި ވެއެވެ.