ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތައް ގޯއްޗާ ހަވާލުވުމަށާ އަދި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބަދަލުގައި އެހެން ފަރާތެއް އައްޔަނުކުރާނަމަ ޕަވާ އޮފް އެޓާނީ ފުރިހަމަކުރެއްވުމަށްފަހު ނޮޓޮރައިޒްކޮށް، ގޯއްޗާ ހަވާލުވުމަށާ އަދި ގޯތި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފޮނުވާ ފަރާތާއި ހަވާލުކުރަން ޖެހޭނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނެފިއެވެ.

މިއަދު އެ ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައިވަނީ އެއްބަސްވުމުގައި ސޮއިކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ "ގެދޮރުވެރިން ޕޯޓަލް" ގައި އެޓޭޗްކޮށްފައިވާ ޕަވާ އޮފް އެޓާނީ ފުރިހަމަކުރަންޖެހޭނެކަމަށެވެ.

ގޯއްޗާ ހަވާލުވުމަށާ ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ދާ ފަރާތްތަކުން ގޯތި ލިބޭ ފަރާތްތަކުގެ އައިޑީ ކާޑުގެ ކޮޕީ ގެންދަން ޖެހޭނެކަމަށެވެ. އަދި ބަދަލުގައި ސޮއި ކުރަން ދާ ފަރާތެއްނަމަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އައްޔަނުކޮށްފައިވާ ޕަވާ އޮފް އެޓާނީގެ އަސްލާއި، އައި.ޑީ ކާޑުގެ ކޮޕީ ގެންދަން ޖެހޭނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގެ ނަމޫނާ އާއި ޕަވާ އޮފް އެޓާނީ އޯގަސްޓް 27، 2023 އިން ފެށިގެން "ގެދޮރުވެރިން ޕޯޓަލް" އިން ފެންނަން ހުންނާނެ ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކާ ގޯތި ހަވާލުކުރުން މިއަދުން ފެށިގެން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.