އިސްލާމްދީނުގެ އަގީދާއާ ދެކޮޅު ވެރިން ނަމޫނާއަކަށް ބެލުމުން ދުރުހެލިވުމަށް މިއަދުގެ ހުތުބާގައި ގޮވާލައްވައިފިއެވެ.

މިއަދުގެ ހުތުބާ ހާއްސަކޮށްފައި ވަނީ ހެޔޮ ނަމޫނާގެ ބޭނުންތެރިކަމުގެ މައުޟޫއަށް ކަމަށް ވާއިރު ހުތުބާގައި ވަނީ ޒުވާނުން ނުބައި ނަމޫނާތަކަށް ތަބާވުމާ ދުރުހެލި ވުމަށާއި އިސްލާމްދީން މަނާ ކުރާ ފަންނުތަކާއި ހުނަރުތަކުން ދުުރުހެލިވުމަށް ގޮވާލާފައެވެ. އަދި އިސްލާމް ދީނާ ދެކޮޅު ހަދާ އިސްލާމްދީން އަގީދާއާ އިދިކޮޅު ފިކުރުތަކުގެ ވެރީން ނަމޫނާއަކަށް ބެލުމާ ދުރުހެލިވުމަށް ގޮވާލާ ހުތުބާގައި ވަނީ އިސްލާމީ ތާރީހު ވަނީ ރިވެތި ނަމޫނާތަކުން ފުރިފައި ކަމަށާއި ވިސްނައި ނުލައި އެއްވެސް ނަމޫނާއެއް ނަކަލު ނުކުރަންވެސް އެދިފައެވެ.

ހުތުބާގައި ބުނެފައިވަނީ އިހްތިޔާރުކުރާ ނަމޫނާއިން ކަނޑައެޅިގެންދާނީ ހަމައެކަނި މި ދުނިޔޭގެ އަމާޒުތަކެއް ނޫން ކަމަށާއި އާހިރަތް ލިބުމާއި ނުލިބުން އޮތީ ވެސް އިހްތިޔާރު ކުރާ ނަމޫނާގެ މަތީގައި ކަމަށެވެ. އަަދި ރިވެތި ނަމޫނާއަކަށް ވުމަށް އެދި ހުތުބާގައި ވަނީ ނަމޫނާ ދެެއްކުމުގައި މީހާގެ މަގާމަށާއި އިޖުތިމާއީ ދަރަޖައަށް ބަލަން ނުޖެހޭ ކަމަށާއި ބަލަން ބޭނުންވަނީ އަގީދާއަށާއި ހުލުގަށާއި އަމަލަށް ކަމަށް ބުނެފައެވެ.

ހުތުބާގައި ބުނީ މުސްލިމުންގެ ޝަހްސިއްޔަތު އޭގެ މަތީގައި ގާއިމުވެފައިވާ ތަނބުތަކުގެ ތެރޭގައި ރިވެތި ނަމޫނާވާ ކަމަށާއި ގައުމުގެ ދަރީންނަށް ރަނގަޅު ތަރުބިއްޔަތު ލިބެމުން ނުދާ ކަމަށް ބުނެ، މައިންބަފައިންނާއި މުރައްބީން މިއަދު ޝަކުވާ ކުރަމުން ދާއިރު ތަރުބިއްޔަތު ކުރުމުގެ އެންމެ ރަނގަޅު ވަސީލަތަކީ ނަމޫނާ ކަމަށެވެ. އަދި ދަރިފުޅަށް ތެދުބުނުމަށް ނަސޭހަތްތެރިވާ މަޔަކު، އެ ކުއްޖާގެ ބައްޕައަށް ދޮގުހަދާތަން ފެންނަނަމަ ވާނެ ގޮތަކާއި ބައްޕަ އޭނާގެ ދަރިފުޅު ގާތުގައި ދޮގު ނަހަދާށޭ ބުނަމުން ދާއިރު ބައްޕަ ހޯދަން މީހަކު އައި ހިނދު، ބައްޕަ ގެއަކު ނޫޅެޔޭ ބުނާށޭ ދަރިފުޅު ގާތުގައި ބުނާ ބައްޕަގެ ފަރާތުން ލިބޭނެ ހެޔޮ ނަމޫނާއެއް އޮންނާނެތޯ ހުތުބާގައި ވަނީ ސުވާލު އުފައްދާފައެވެ.

މާތް ނަބިއްޔާ ވަނީ ހާދިމުންނާއި އެހީތެރިންނާއި މުވައްޒަފުންނާއެކު މުއާމަލާތު ކުރާއިރު ތާބާވާން ޖެހޭ އަހުލާގީ މިންގަނޑެއް ހާމަކޮށްދެއްވާފައި ކަމަށާއި ރަނގަޅު ނަމޫނާ ފެނުމަކީ އަނެކުންނަށް އޭގެ ހެޔޮ އަސަރު ކުރާ ކަމެއް ކަމަށާއި މުޖުތަމައަށް ހެޔޮ ބަދަލެއް ގެނުވޭނެ ކަމެއް ކަމަށް ހުތުބާގައި ބުނެއެވެ.

ހުތުބާގައި ވަނީ މުޖުތަމައުގެ ފަރުދުން ކިތަންމެ ރަނގަޅުވިޔަސް އެ މީހުން ވެސް ތަބާވާން ޖެހޭ ދިރިހުރި ނަމޫނާތަކަކަށް ބޭނުންވާނެ ކަމަށާއި އިސްލާމީ އަގުތަކާއި އަހުލާގާއި ހުކުމްތަކާއި މީސްތަކުން ދުރުވަމުން ދިޔަ ވަރަކަށް ރަނގަޅު ނަމޫނާއަށް ބޭނުންވާ މިންވަރު ބޮޑުވާނެ ކަމަށާއި ނަމޫނާ ލިބޭނީ ބަހާއި އަމަލު އެއްގޮތް ކުރެވިގެން ކަމަށް ބުނެފައެވެ.

ޒުވާނުންނާ މިއަދު ކުރިމަތިވެފައިވާ މަސްއަލަތަކުގެ ތެރޭގައި އަހަރެމެންގެ ކިބައިން އެ ކުދީންނަށް ހެޔޮ ނަމޫނާ ނުފެންނަ ކަމަށާއި ރިވެތި ނަމޫނާއިން ތަރުބިއްޔަތު ދިނުމުގެ ހެޔޮކަން ވައުދުންނާއި ނަސޭހަތުން ތަރުބިއްޔަތު ދިނުމަށްވެރެ އެތައް ގުނައެއް މޮޅު ކަމަށް ހުތުބާގައި ފާހަގަކޮށްފައިވާއިރު މިއަދު ބޭނުންވަނީ ވިސްނުން ތޫނު، ވާޖިބު އަދާކުރާ، އިލްމުވެރި، ގާބިލު މުއުމިނު ޒުވާނުން ކަމަށް ވަނީ ބުނެފައެވެ.

ގައުމު މިއަދު ބޭނުންވަނީ އުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ އިހްލާސްތެރި ޒުވާނުން ކަމަށާއި ކަންނެތްކަމާ ދުރު، މަސައްކަތްތެރި، ޒުވާނުންނަށާއި މި ފަދަ ޒުވާނުންގެ ޖީލެއް އުފެއްދޭނީ އެދުރުންނާއި މައިންބަފައިންނާއި މުޅި މުޖުތަމައު ޒުވާނުން ބިނާކުރުމަށް މަސައްކތް ކޮށްގެން ކަމަށް ވަނީ ބުނެފައެވެ.

ދަރީންނަކީ މާތް ﷲ ހަވާލުކުރައްވާފައިވާ އަމާނާތަކަށް ވާއިރު އެ މީހުންނަށް ލިބިފައިވާ ރިވެތި ނަމޫނާއަކަށްވާން ޖެހޭނެ ކަމަށާއި ވެރީންނާއި މައިންބަފައިންނާއި މުދައްރިސުންނާއި މުރައްބީން ހެޔޮ ނަމޫނާއަކަށް ވެއްޖެނަމަ ގައުމުގެ ކުރިމަގު އުޖާލާވާނެ ކަމަށާއި ގޭތެރެއިން ދަރީންނަށް ހެޔޮ ނަމޫނާ ނުދައްކައިފިނަމަ އެ މީހުން ވާނީ ހަލާކު ކުރަނިވި ހަތިޔާރަކަށް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.