ރ. ރަސްމާދޫ މަގުތަކުގައި ތާރު އެޅުމަށާއި ފްލެޓާއި ރޯހައުސްގެ އެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދު ވެވަޑައިގެންފިއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރ. ރަސްމާދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގަތުމުން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ލިބިވަޑައިގެން ކަމަށެވެ.
އެގޮތުން ރަށް ގިރުމާއި ބަނދަރާއި ކަރަންޓުގެ މައްސަލަަތަކުގެ ކަންބޮޑުވުންތައް ލިބިވަޑައިގެންކަން ފާހަގަ ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެ ދުވަހު ހިއްސާކުރި ގިނަ ކަންބޮޑުވުންތަކަށް ހައްލު ގެނެވިއްޖެ ކަމަށެވެ. އަދި ރަސްމާދޫގެ ވިސްނުން ހުރި ގޮތް ވަރަށް ސާފު ކަމަށާއި އެ ވައުދުތައް ތަންފީޒު ވަމުންދާތަން ފެނުމުން ވިސްނުން ބަދަލުވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އެ ދާއިރާގެ ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަަމަށާއި އެމަނިކުފާނު ކަންކަން ކޮށްދެއްވީ ސިޔާސީ ފިކުރަށް ބެލުމެއް ނެތި ވަކި ރަށަކަށް ބެލުމެއް ނެތި ކަމަށެވެ. އަދި ޒުވާނުންގެ އުންމީދު ބޮޑު ކަމަށާއި ރާއްޖޭގެ ބޮޑު ބަޔަކީ ޒުވާނުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ބޭނުންވަނީ ކުޅިވަރު ކުޅެވޭނެ ޒަމާނީ ވަސީލަތްތައް ކަމަށާއި އެގޮތުން ރަސްމާދޫގެ ފުޓްސަލްދަނޑުގެ މަސައްކަތް ކުރަން ފަށަން ތައްޔާރު ވެފައިވާ ކަމަށާއި ޒުވާނުން ފަށާފައިވާ ޔޫތު ސެންޓަރު ނިންމައި ދެއްވާނެ ކަަމަށެވެ. އަދި ރަސްމާދުއަކީ ލޯކަލް ޓޫރިޒަމް ތަރައްގީ ކުރެވޭނެ އެއްރަށް ކަމަށާއި އެކަމަށް ޒުވާނުން އިންވެސްޓް ކުރަން ތައްޔާރަށް ތިބުމަށް ގޮވާލައްވާ ރައީސް ވަނީ ސަރުކާރުން އެކަމަށް އެހީތެރިވެދޭނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވަނީ ކުރިއަށް އޮތް ދައުރުގައި ރަސްމާދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހަދާ ތާރު އެޅުމާއެކު ސްކޫލްގެ މަލްޓިޕާޕަސް ހޯލު އަޅައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެ ރަށުގެ ކައުންސިލްގެ އާ އިމާރާތް އެޅުމަށާއި ފުޓްބޯޅަ ދަނޑުގައި ޓާފު އަޅައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެ ރަށުގައި އައުޓްޑޯ ޖިމެއް ހައްދަވައި ދެއްވަން ވެސް ވަނީ ވިދާޅުވެފައެވެ.