ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުއަށް އައްޑޫ ސިޓީން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރިޔާސީ ކެމްޕެއިންގައި މުއިއްޒު މިއަދު ހަވީރު އައްޑޫ އަށް ވަޑައިގެންފައި ވާއިރު ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބީ އިސްތިގުބާލުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓު ސަރަހައްދަށް އެއްވެފައެވެ. އަދި މަރުހަބާ ކިޔަން ނުކުތް ގިނަ އަދަދެއްގެ ސަޕޯޓަރުންނާ މުއިއްޒު ވަނީ ސަލާމް ކުރައްވާފައެވެ.

އައްޑޫ ސިޓީ ރައްޔިތުން މުއިއްޒުއަށް މަރުހަބާ ވިދާޅުވަނީ / ފޮޓޯ: ޕީޕީއެމް

މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު އައްޑޫ ސިޓީއަށް ވަޑައިގަތުމުގެ ކުރިން ދެއްވި އިންޓަވިއުގައި ވިދާޅުވީ، މި ދަތުރުގައި ބޮޑު ތަރުހީބެއް ލިބުމުގެ އިތުރަށް މިފަހަރުގެ ރިޔާސީ އިންތިހާބުގައި އައްޑޫން ޕީޕީއެމް-ޕީއެންސީ އަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އައްޑޫގެ ތަރައްގީއަށްޓަކާ އެންމެ ރަނގަޅު ވިސްނުންތަކެއް ހުށަހަޅާ ބަޔަކީ ވެސް އިދިކޮޅު ދެ ޕާޓީ ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ. މުއިއްޒު ވަނީ އައްޑޫގެ ކުރިއެރުމަށްޓަކާ ޕީޕީއެމް-ޕީއެންސީއާ އެކީގައި ކުރިއަށް ދިޔުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އަދި ރައްޔިތުން ވެސް އެގޮތަށް ގަބޫލުކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ކެމްޕެއިނަށް މިއަދު އައްޑު އަށް ފެއްޓެވި ދަތުރުގެ ތެރެއިން މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ފޭދުއަށެވެ. އެގޮތުން ޕީޕީއެމްގެ ފޭދޫ އޮފީހުގައި ޕާޓީގެ މެންބަރުންނާ ބައްދަލު ކުރައްވާނެއެވެ. މި ދަތުރުގެ ތެރޭގައި އައްޑޫގެ ހުރިހާ އަވަށަކަށް ވެސް ވަކިވަކިން ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަން ހަމަޖެހިފައި ވެއެވެ.

އައްޑޫ ސިޓީ، ހިތަދޫގައި މިރޭ މުއިއްޒު ބާއްވާ ހާއްސަ ޖަލްސާއެއް އޮންނާނެއެވެ. މި ޖަލްސާ އޮންނާނީ ހިތަދޫގެ ޕީޕީއެމްގެ މައި ޖަގަހައިގައި މިރޭ 8:30 ގައެވެ.