އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައި ވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ޕާޓީގެ ޕްރިމަރީ ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
މިހާރުވެސް ގިނަ އަދަދެއްގެ ޖިނާއީ ދައުވާތައް އުފުލައި އަދި ދައުވާ ނުކޮށް ހުރި އެތައް ކޭސް އަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައި ވާ ޓްރަމްޕް ވިދާޅުވީ، އޭނާ އަކީ ކޮންބޭފުޅެއް ކަމަށާއި ރިޔާސީ ދައުރުގައި ކަންކަން ކުރެއްވި ގޮތް ނޭނގޭ އެމެރިކާގެ ރައްޔިތަކު ނުހުންނާނެތީ ބަހުސްގައި ބައިވެރިވުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ހިޔާލު ހޯދުމުގެ ނަތިޖާތައް ދައްކާ ގޮތުން މިހާރުވެސް ރިޕަބްލިކަންގެ އެންމެ މަގުބޫލު ކެންޑިޑޭޓަކީ މިހާރު އުމުރުން 77 އަހަރުގެ ޓްރަމްޕެވެ.
ރިޔާސީ ޕްރިމަރީގެ ބަހުސް އަންނަ ބުދައަށް ތާވަލް ކޮށްފައި ވާ އިރު ރިޔާސީ ޕްރިމަރީގެ ވޯޓުލުން ފެށެނީ ޖެނުއަރީ 15 ގައެވެ.
ރިޕަބްލިކަންގެ ޓިކެޓް ހޯދުމަށް ދެން ވާދަކުރަނީ، ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސެންޓީސް އާއި 2 ފަހަރު ގަވަރުނަރުކަން ކޮށް އަދި ޓްރަމްޕް ސަރުކާރުގެ ވަޒީރުކަން ކުރި ނިކީ ހާލޭ އާއި ޓްރަމްޕް ސަރުކާރުގެ ނައިބުރައީސް މައިކް ޕެންސް އާއި ސައުތް ކެރޮލިޏާގެ ސެނޭޓަރު ޓިމް ސްކޮޓެވެ. މީގެ އިތުރުންވެސް 14 ވަރަކަށް ކެންޑިޑޭޓުން ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ވީ ނަމަވެސް، އާންމުންގެ ތެރޭގައި އެންމެ މަގުބޫލީ، ޓްރަމްޕާއި ޑިސެންޓީސްއެވެ.
އެންމެ ފަހުގެ ހިޔާލުހޯދުމުގެ ވޯޓުން ދައްކާ ގޮތުން ސެންޓީސް އަށް ލިބިވަޑައިގަންނަވަނީ ރިޕަބްލިކަނުންގެ 16 ޕަސެންތް ތާއީދެވެ. ޓްރަމްޕަށް 62 ޕަސެންތް ލިބިވަޑައިގަންނަވާ ކަމަށް ދައްކައެވެ.
"އެންމެނަށް އިނގޭ އަހަރެން ވެރިކަން ކުރި ގޮތް، ހަކަތައާއި މިނިވަންކަން، ބާރުގަދަ އަސްކަރިއްޔާ އާއި ބޮޑަރު ބެލެހެއްޓި ގޮތް، އިންފެލޭޝަން މަތިނުކޮށް ޓެކްސް ރިފޯމް ކުރި ގޮތް، އެމެރިކާގެ މުޅި ތާރީހުގައިވެސް އައި އެންމެ ވަރުގަދަ އިގުތިސޯދަކަށް އެމެރިކާ ހެދިގޮތް"
އެމެރިކާގެ 45 ވަނަ ރައީސްކަން ކުރެއްވި ޓްރަމްޕްގެ މައްޗަށް މިހާރު ވަނީ 4 ދައުވާއެއް އުފުލާފައެވެ. އޭގެ ތެރޭގައި ދައުލަތުގެ ސިއްރު ލިޔެކިޔުން އަމިއްލަ ގަނޑުވަރަށް ގެންދެވުމާއި، އެތަކެތި ބެލެހެއްޓުމުގައި އިހުމާލުވެވަޑައިގަތުމާއި، އިންތިހާބަށް ނުފޫޒުފޯރުވުމަށް، ހެދިފައި ހުރި ބައެއް އުސޫލުތައް އޮޅުވާލައްވައި ހެއްދެވުމާއި އެމެރިކާއަށް [ގައުމަށް] މަކަރުހެދުމާއި ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިނުގެން ނާކާމިޔާބީ އާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން، ގާނޫނު ހަދާ މަޖިލީހަށް ސަޕޯޓަރުން ވައްދާ އެތަން ހިސޯރުކުރުން ފަދަ ޖިނާއީ ދައުވާތައް ހިމެނެއެވެ.
މިހާރު ކޯޓުތަކުގައި މައްސަކަތައް ތާވަލު ކޮށްފައި ހުރި ގޮތުން، ޕްރިމަރީގެ ވޯޓުލުން ކުރިއަށް ދާއިރުވެސް މައްސަލަތައް ނުނިމޭނެއެވެ.
ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ އޭނާ އާ ދެކޮޅަށް އުފުލާފައި ވަނީ ސިޔާސީ ދައުވާތަކެއް ކަމަށާއި އެއީ ކަނޑައެޅިގެން އަސާސެއްނެތް ކަންތައްތަކެއް އުފަންކޮށްގެން ކޮށްފައި ވާ ދައުވާތަކެއް ކަމަށެވެ.