ރަޝީއާ އާއި ޔޫކްރެއިންގެ ހަމަލާތަކާ ގުޅިގެން ރަޝިއާގައި މިވަގުތު ތިބި ދަރިވަރުންގެ ހާލަތު އަދި ހާލު، ބާލިންގައި ހުންނަ ދިވެހި ރާއްޖޭގެ މިޝަނުން ބަލަމުން ދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނެފައި ވަނީ ރަޝިއާގެ ކާސްކްގައި މެޑިސިން ކިޔަވަން ތިބި ދިވެހި ދަރިވަރުން ކަންބޮޑުވުން ހިއްސާ ކޮށްފައި ވަނިކޮށެވެ. ފޮރިން މިނިސްޓްރީން ބުނީ، އެ ސަރަހައްދުގެ ހާލަތު މޮނިޓާ ކުރަމުންދާ ކަމަށާއި އެހެން ފަހަރުތަކެކޭ އެއްގޮތަށް ހާލަތަށް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.
ރަޝިއާގެ ހުޅަނގުން ޔޫކްރައިން އާ އިންވެގެން އޮންނަ ކާސްކް ރެއިލްވޭ ސްޓޭޝަނެއްގެ ފުރާޅަށް އިއްޔެ ޑްރޯން ހަމަލާއެއް ދީފައި ވާއިރު، އެ ސްޓޭޝަންގެ އެއް ޕްލެޓްފޯމް ވަނީ ހަލާކުވެފައެވެ. އަދި ފަސް މީހަކަށް އަނިޔާވެ އިމާރާތަށް ބޮޑެތި ގެއްލުންތައް ލިބިފައި ވާއިރު، މިއީ ދިވެހި ދަރިވަރުން ކިޔަވަން ތިބޭ ކާސްކް ސްޓޭޓް މެޑިކަލް ޔުނިވާސިޓީއާ ގާތްގަނޑަކަށް 5 މިނެޓުގެ ދުރުމިނުގައި ހުންނަ ތަނެކެވެ.
މީގެ ކުރިން ޔޫކްރެއިން ހަނގުރާމަ ފެށިތަނާ ކައިރީގައި ޔޫކްރައިން އާއި ރަޝިއާގައި ތިބި ހުރިހާ ދަރިވަރުން ރާއްޖެ ގެނައެވެ. އަދި އޮންލައިންކޮށް ކިޔެވޭނެ ގޮތް ތަނަވަސްކޮށްދީ ކިޔަވައި ދެމުން ދިޔަ ނަމަވެސް އެ ޔުނިވާސިޓީއާ ހަމައިގައި ހަމަލާ ބަދަލު ކުރުން ނެތް ކަމަށާއި އޮންލައިންކޮށް ކިޔަވައިދޭން ދަތިވާ ކަމަށް ބުނެ، ދަރިވަރުން ދާން އެންގިއެވެ. 'ދަ ޕްރެސް އަށް މައުލޫމާތު ދިން ދަރިވަރަކު ބުނީ އެއީ މިދިޔަ އަހަރުގެ ޖުލައި މަސް ތެރެ ކަމަށާއި އެގޮތަށް ކިޔެވުން ކުރިއަށް ގެންގޮސް ސަމާ ބްރޭކަށް ގިނަ ދަރިވަރުން ރާއްޖެ އައިސްފައި ވީ ނަމަވެސް ކުރިއަށް އޮތް 10 ވަރަކަށް ދުވަސްތެރޭ އަނބުރާ ޔުނިވާސިޓީއަށް ދާން ޖެހޭ ކަމަށެވެ.
ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އަނބުރާ ދާން ޖެހޭ އިރު ހަނގުރާމައިގެ ކަންބޮޑުވުންތައް ފާޅުކުރަމުން އެ ދަރިވަރު ބުނީ، މިއަހަރު ޖުލައި މަހުން ފެށިގެން ހަމަލާތައް ދެމުން އަންނަ ކަމަށާއި މިހާރު ގާތްގާތުގައި ހަމަލާތައް ދޭ ކަމަށެވެ. އޭނާ އިތުރަށް ބުނީ، އިއްޔެ ހެނދުނުގެ ހަމަލާގެ ކުރިން މިމަހުގެ 16 ގައި ވެސް ހަމަލާއެއް ދީފައިވާ ކަމަށެވެ. މިހާރު ފުރަން ޖެހިފައި ވާ އިރު، ހަމަލާތަކެއްގެ މެދަށް ގޮސް ވަންނަން ޖެހުމުން ކަންބޮޑުވާ ކަމަށާއި ބޯ މައްޗަށް ޑްރޯނެއް ވެއްޓޭނީ ކޮން އިރަކު ބާއޭ ހިތައް އެރިޔަސް ބިރުން ރޫރޫ އަޅާ ކަމަށެވެ.
ޔުނިވާސިޓީގައި ކިޔަވާ ދަރިވަރު ބުނީ، މިވަގުތު އެތާނގައި 40 އަކަށް ދަރިވަރުން ތިބި އިރު އެ ދަރިވަރުން ތިބީ ކަންބޮޑުވެފައި ކަމަށާއި ޗުއްޓީއަށް ފަހު ދާން ޖެހޭ ދަރިވަރުންވެސް ތިބީ އެފަދަ ހާސްކަމެއްގައި ކަމަށެވެ.