ރާއްޖޭގައި ދީނީ އިލްމު ފެތުރުމުގައި ފުންނާބު އުސް މަޝްހޫރު އިލްމުވެރިޔާ ޝައިހް އުސްމާން އަބްދުﷲ އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ޝައިހް އުސްމާން އަވަހާރަވީ މިއަދު ފަތިހުގެ ވަގުތެއްގައި މާލޭގައެވެ.
ދީނީ ގޮތުން ދިވެހިން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އުސްމާން ވަނީ ވަރަށް ފަހަކާ ޖެހެންދެން ވެސް ދީނީ ތަފާތު މައުޟޫތަކަށް ޓީވީ އަދި ރޭޑިއޯ މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދެއްވާފައެވެ. ސައުދީ އަރަބިއާގެ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން ކިޔަވާ ވިދާޅުވި އުސްމާން ވަނީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ އެކި އެކި މަގާމުތައްވެސް ފުރުއްވާފައެވެ.
ޝައިހް އުސްމާން އަވަހާރަވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބް ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްްގައި ވިދާޅުވީ އޭނާ އަކީ ހިތްތިރިކަމާއި، ހުލްގު ހެޔޮކަމާއި، ހިތްހެޔޮ ކަމުގެ ލާމަސީލު މިސާލެއް ކަމަށެވެ.
މީގެ އިތުރުން ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި އުންމަތުގެ އިސްލާމީ ފަހުރެއް ކަަމަށްވާ ހިތްތިރި ޝަރަފްވެރި، އަދި ޒަކާތަށް ދިވެހިން ހޭލައްވާލި އިލްމުވެރިޔާ ޝައިހް އުސްމާން އަވަހާރަވި ހަބަރު އެއްސެއްވީ ނުހަނު ހިތާމައާ އެކުގައި ކަމަށެވެ.
ށ. މަރޮއްޓަށް އުފަން އުސްމާން އަވަހާރަވި އިރު އުމުރުފުޅަކީ 85 އަހަރެވެ.
އުސްމާން އަށް ދައުލަތުން ވަނީ އިސްލާމް ދީން އުނގަންނައި ދެއްވުމާއި ދީނީ ރޮނގުން ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ޝަރަފުވެރި ކަމުގެ ގައުމީ އިނާމު 2012 ގައި ލިބިވަޑައިގެންފައެވެ.