އަންނަ ރިޔާސީ އިންތިހަބުގައި ވާދަ ކުރައްވާ، ޕީއެންސީގެ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ އިފްތިތާހް ކުރެއްވި ޖަލްސާގައި މެނިފެސްޓޯއިން ކުރައްވާނެ ކަންކަން ހާމަ ކުރައްވަމުން އާބަންކޯއަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

ހުޅުމާލެ ފޭސް 2 ގެ 1 ނަންބަރު ބަސްހުއްޓި ކުރިމަތީ ގައި އޮންނަ ހުސްބިމުގައި މިރޭ ކުރިއަށް ގެންދިޔަ މުއިއްޒުގެ މެނިފެސްޓޯ އިފްތިތާހް ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މާލެ ސަރަހއްދުގައި ހިމެނޭ ހުޅުމާލޭގެ ކަންކަން ކުރަން ވަކި ކުންފުންޏެއް ހަދާފައި އޮވެ ގާނޫނާ ހިލާފަށް ކުރަމުންދާ ކަންކަން ހުއްޓުވާނެ ކަމަށެވެ. އެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ހުޅުމާލޭގެ މުނިސިޕަލް އެންމެހާ ކަންކަން މާލޭ ސިޓީ ކައުންސިލަށް ބަދަލު ކުރައްވާނެ ކަމަށެވެ.

އާބަންކޯއިން އެކަމަށް ބޭނުންކުރަމުން ގެންދާ ބަޖެޓާއި ވަސީލަތްތަކާއެކު ބަދަލުކުރައްވާނެ ކަމަށާއި އަދި އެ ބަޖެޓުން އެކަމަށް މުވައްޒަފުން ނެގުމާއި، މުވައްޒަފުން ބަދަލުވާން ބޭނުންވާ ނަމަ، ބަދަލުކުރާނީ އެ މުވައްޒަފަކަށް މިހާރު ވެސް ލިބެމުންދާ މުސާރައިގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. މާލެ ސަރަހައްދުން ހިއްކާ ބިންތައް ކުއްޔަށް ދިނުމާއި ވިއްކުމާއި އާބަންކޯއިން ހިންގާ ކަންކަމަށް ފާޑު ވިދާޅުވަމުން މުއިއްޒު ވިދާޅުވީ، މުނިސިޕަލް ކަންކަމުގައި އާބަންކޯ ފެއިލް ވެފައިވާ ކަމަށެވެ. ރައްޔިތުން ނިކަމެތި ކޮށްލާފައިވާ ކަމަށާއި އެ ކަމަށް ބަދަލު ގެންނަވާނެ ކަމަށެވެ.

މީގެ އިތުރުން މާލެއަށް ގެނެސްދެއްވާނެ ބަދަލުތަކުގެ ތެރެއިން ކުރިޔަށް އޮތް 20 އަހަރަށް އަމާޒުކޮށް، 65 ހާސް ގެދޮރު ޔަގީންވާނެ ގޮތަށް، ގައުމީ ތަރައްގީގެ މައި ތަނބުގެ ގޮތުގައި ގްރޭޓާ މާލޭ ރީޖަން އިތުރަށް ތަރައްގީ ކުރައްވާނެ ކަމަށާއި ރަނގަޅަށް ހިނގާ ހައުސިން މާކެޓެއް ގާއިމު ކުރުމަށްޓަކައި، ގެދޮރު ގަނެ، ވިއްކާ، ކުއްޔަށްދީ، ކުއްޔަށް ހިފުމަށް ހުރި ގާނޫނީ އަދި އިދާރީ ހުރަސްތައް ނައްތާލައި، ތަރުތީބު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މެނިފެސްޓޯީގައި ހިމެނޭ އިތުރު ކަންކަމުގެ ތެރޭގައި މާލޭގައި ހުންނަ ސިނަމާލެ، މާލެހިޔާ ފްލެޓްތައް އަދި ވިލިމާލޭގައި ހުންނަ ސިނަމާލެ ފްލެޓްތައް ތަޅާލާ، އާ ފްލެޓްތަކެއް އެޅުމާއި، ޒަމާނީ ފެންވަރުގެ އާ މަސް މާރުކޭޓެއް މާލޭގައި ގާއިމު ކުރުމާއި، ހުރިހާ ރަށެއްގައި އަސާސީ ހިދުމަތްތަކާއި އުމްރާނީ ވަސީލަތްތައް ގާއިމުކޮށް، މަތީ ފަންތީގެ ހިދުމަތްތައް ހޯދުމަށް އަވަސް ދުވެލީގެ ދަތުރުފަތުރާއި ޑިޖިޓަލް ވިއުގައެއްގެ ގުޅުން ގާއިމުކުރުން ހިމެނެއެވެ.

ސިއްހަތާއި އަދި ތިމާވެށްޓާއި ރަހްމަތްތެރި އީ-ބައިކް ނިޒާމެއް ހުރިހާ ސިޓީއެއްގައި ގާއިމުކުރުމާއި، މާލޭގައި ހިނގާފައި އުޅޭ ގޯޅިތައް އިތުރުކޮށް، ލޭންޑްސްކޭޕްކޮށް މާލެއަށް ހިތްފަސޭހަކަން އިތުރުކުރުމާއި، މާލޭގައި ގޯޅީގެ ހަނިކަމުން ނުވަތަ އެނޫން ވެސް ސަބަބަކާ ހުރެ ގޯތީގެ ލޮކޭޝަން ބޭންކަށް ފީޒިބަލް ނުވާތީ ގެދޮރު އިމާރާތް ކުރުމަށް ހުރަސްއެޅިފައިވާ ފަރާތްތަކުގެ ތެރެއިން އެދޭ ފަރާތްތަކަށް ލާޖައްސާ އުސޫލުން ގްރޭޓާ މާލޭ ސަރަހައްދުގެ އެހެން ހިސާބަކުން ގޯތި ދިނުން ހިމެނެއެވެ.

އަދި ސޯޝަލް ހައުސިން ސްކީމެއްގެ ދަށުން ހައުސިން ޔުނިޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޖޫރިމަނާ ދައްކަންޖެހިފައިވާ ފަރާތްތަކުގެ ޖޫރިމަނާ މައާފް ކޮށްދިނުމާއި، މާލޭގެ ޓްރެފިކް ނިޒާމު އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ޑިޖިޓަލައިޒްކޮށް ޒަމާނީ ފެންވަރަށް ބެލެހެއްޓުމާއި، މާލޭ ސިޓީގެ އެކި ސަރަހައްދުތަކުގައި ޕާކިން ބިލްޑިން އަޅައި، މާލޭ ސިޓީގެ މަގުތަކުގައި ފެންބޮޑުވުމަށް ދާއިމީ ހައްލެއްގެ ގޮތުގައި، ޒަމާނީ ފެންވަރުގެ ޑީވޯޓަރިން ނިޒާމެއް، ދިރާސާގެ އަލީގައި ސިޓީގެ މުހިންމު ހިސާބުތަކުގައި ގާއިމުކުރުން ހިމެނެއެވެ.