އަންނަ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓް އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ހަމަލާދީފިއެވެ.

އެކަން ހާމަކޮށް އުމަރުގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ރިޔާސީ ކެމްޕެއިނަށް މިއަދު މާލޭގައި އޭނާ ބޭއްވި ރޯޑް ރެލީ ކުރިއަށް ދަނިކޮށް، މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ދަގަނޑު އެއްޗެއް އެއްލާ އޭނާގެ މޫނު މަތީގައި ޖަހާ ހަމަލާދީފައިވާ ކަަމަށެވެ.

ހަމަލާދިން މީހާ އެ ވަގުތު އެތަނުން ފިލި ނަމަވެސް އޭނާގެ ސެކިއުރިޓީގެ ގޮތުގައި ތިބި ސިފައިން ވަނީ އެ މީހާގެ ފޮޓޯއެއް ނަގާ ފުލުހުންނާ ހިއްސާ ކޮށްފައިވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އަދި މި ހާދިސާގެ ސަބަބުން އޭނާ އަށް އަނިޔާއެއް ލިބިވަޑަައިނުގަންނަވާ ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ.

https://m.facebook.com/story.php?story_fbid=pfbid0yWpV8s1wRzGZNjFqdpknraewedvPRg7ffdnjYJ2ihgzTR6oMhrcdG2ctSiqar5LPl&id=100044365181976&mibextid=Nif5oz

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައި ނުވާއިރު، ރިޔާސީ ކެމްޕެއިންގައި ހަރަކާތްތެރިވާ ބައެއް ކެންޑިޑޭޓުންނާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހުރަސް އަޅާ ހަމަނުޖެހުންތައް ހިންގާކަން ފާހަގަ ކުރެވެއެވެ. އެގޮތުން، ރަށް ރަށަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިން ދަތުރުފުޅުގައި ވަޑައިގެންނެވުމުން އިދިކޮޅު ފަރާތްތަކުން އަޑު އުފުލަމުގެ އިތުރުން ހަމަނުޖެހުން ހިންގާ އެކި މީހުންނަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފައެވެ.

މީގެ އިތުރުންވެސް މިއަދު އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކ. ގުރައިދުއަށް ވަޑައިގަތުމާ ދިމާކޮށް މިއަދު ހަވީރު އެރަށުގެ އެމްޑީޕީ ސަޕޯޓަރުންނާއި ޕީޕީއެމް ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުން ހިންގާ 2 މީހަކަށް އަނިޔާވެފައި ވެއެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ އެ ހަމަނުޖެހުމާ ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ސަޕޯޓަރުން ވަނީ ގުރައިދޫ ބަނދަރުން ޑރ. މުއިއްޒުގެ އަނބިކަނބަލުން ދަތުރުކުރެއްވި ލޯންޗަށް އަރާ ބައެއް މީހުންނަށް ހަމަލާދޭން ވެސް މަސައްކަތް ކޮށްފައެވެ.