އެމް.ޑަބްލިޔު.އެސް.ސީއިން ބ.މާޅޮހުގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ ގާއިމްކުރުމުގެ މަސައްކަތްތައް ނިންމާލައިފިއެވެ.

ބ.މާޅޮހުގެ ފެނާއި ނަރުދަމާ ނިޒާމްގެ މަޝްރޫއުގެ ދަށުން، މާޅޮހުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެޔަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.

މީގެ އިތުރުންފެންރައްކާކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ޕަންޕިންގ ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. އެމް.ޑަބްލިޔު.އެސް.ސީ އިން ބުނީ މި މަޝްރޫއުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދެވިގެން ދާނެކަމަށެވެ. އިތުރަށް އެ ކުންފުނިން ބުނީ މިމަޝްރޫއުގެ ސަބަބުން މާޅޮހުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެކަމަށެވެ.

ބ.މާޅޮހުގެ ފެނާއި ނަރުދަމާ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއުއެކެވެ.

މިމަޝްރޫއުގެ ޖުމްލަ އަގަކީ 60.45 މިލިއަން ދިވެހި ރުފިޔާއެވެ.