ޒުވާނުންނާއި އާންމުންގެ މެދުގައި ކުށް މަދުކުރުމަށް އެމްޑީޕީން އެކުލަވާލި "އަމާން މުޖުތަމައު" ސިޔާސަތު ރޭ ތައާރަފު ކޮށްފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އއ. އުކުޅަހަށް ވަޑައިގެން ބޭއްވި ޖަލްސާގައި އެމްޑީޕީގެ މި ސިޔާސަތު އިފްތިތާހް ކޮށްދެއްވާފައި ވާއިރު "އަމާން މުޖުތަމައު" ބިނާކޮށްފައި ވަނީ ތިން ކަމެއްގެ މައްޗަށެވެ. އެއީ ކުށުގެ ވެށިން ދުރުކުރުމާއި ކުށުގެ ވެއްޓަށް ފާރަވެރިވުމާއި އަދި ކުށަށް ޒިންމާ ނެގުމާއެކު ފަރުވާއެވެ.
ކުށުގެ ވެށިން ދުރުކުރުން:
- ސްކޫލް ދައުރުން ފެށިގެން ކުށުގެ ވެއްޓާއި ދުރުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން
- ރާއްޖޭގެ މިއަދުގެ ހާލަތާއި ގުޅޭ ގޮތަށް ގާނޫނީ އަދި ތަންފީޒީ އޮނިގަނޑު މުރާޖައާކުރާނެ. މީގެ ތެރޭގައި ޑްރަގް ޓްރެފިކިންގް މައްސަލަތަކަށް ހައްލު ހޯދުމަށް ހާއްސަ އިސްކަމެއްދިނުން
- ގޭންގު ކުށުގައި ބައިވެރިވުމުގެ ނުރައްކާ އޮތް ފަރާތްތައް ދެނެގަނެ، ކައުންސެލިން، މެންޓަރިން އަދި ވޮކޭޝަނަލް ޓްރެއިނިން ފަދަ އިންޓަވެންޝަން ޕްރޮގްރާމްތައް ހިންގުން
- ގުޅުން ހުރި އިދާރާތައް އެކުލެވޭހެން އިންޓަރ-އޭޖެންސީ ކޯޑިނޭޝަން ނިޒާމު ހަރުދަނާކުރުމަށް ކްރައިމް ޕްރިވެންޝަން ކައުންސިލެއް އެކުލަވާލުން ހިމެނެއެވެ.
ކުށުގެ ވެއްޓަށް ފާރަވެރި ވުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި:
- އާބާދީ ބޮޑެތި ރަށްރަށުގައި ޓްރެފިކް އެންފޯސްމަންޓުގައި ޓެކްނޮލޮޖީގެ ބޭނުންއިތުރަށް ހިފުން
- ސައިބާ ސެކިއުރިޓީ އަދި ސޭފްޓީ ގާއިމުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ އިކޯސިސްޓަމެއް ގާއިމުކޮށް، ސައިބަރ ޕްރޮޓެކްޝަން ހަރަކާތްތައް ފުޅާކުރުން
- ސްކޭމް، ފްރޯޑު އަދި އިގްތިސާދީ/މާލީ ކުށްތައް ހުއްޓުވަން ބޭނުންވާ ގާނޫނީ އަދި ތަންފީޒީ ބަދަލުތައް ގެނައުން
- ގޭންގު ކުށްތައް ތަހުގީގު ކުރުމުގެ ގާބިލްކަން އިތުރުކުރުން ވަނީ މި މެނިފެސްޓޯގައި އެކުލަވާލާފައެވެ.
މީގެ އިތުރުންވެސް "އަމާން މުޖުތަމައު" މެނިފެސްޓޯގައި ކުށަށް ޒިންމާ ނެގުމާއި ފަރުވާގެ ބައިގައި ގިނަ ކަންތައްތަކެއް ވަނީ އެކުަލަވާލާފައެވެ. އެގޮތުން ޕްރިޒަން ރިހެބިލިޓޭޝަން ޕްރޮގްރާމް އިތުރަށް ފުޅާކޮށް، އެކި ބާވަތްތަކުގެ ކުށަށް އަރައިގަނެވޭ ފަރާތްތަކަށް އަމާޒުކޮށް ޕާޕެޓްރޭޓާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުން ހިމަނާފައިވެއެވެ. އަދި އެ ޕްރޮގްރާމްގެ ތެރޭގައި މީޑިއޭޝަން ސެޝަންތަކާއި، ވިކްޓިމް އޮފެންޑާ ޑަޔަލޮގްތަކާއި، ކޮމިއުނިޓީ ސާވިސް އަދި ދިރިއުޅުމަށް ތައްޔާރުކުރުންވެސް ހިމެނެއެވެ. މީގެ އިތުރުންވެސް ކިޔެވުމާއި ތަމްރީނުގެ ބައިތައް ހިމަނާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އަދި ޕްރިޒަން ރިހެބިލިޓޭޝަން ޕްރޮގްރާމް އިތުރަށް ފުޅާކުރުމާއި ކުޑަކުދިން ކުށް ތަކުރާރުކުރުމާ ދުރުހެލިކުރުމަށްޓަކައި ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ދަށުން ހިންގޭ ޕްރޮގްރާމްތަކަކީ ކުޑަކުދިންނަށް ކުރެވޭ ކުށަށް ފަރުދީ ޒިންމާނެގުމާއެކު، އެ ކުށުން ދުރުވުމަށް އާއިލާއާއި މުޖުތަމައުގެ ބައިވެރިވުން ލިބޭނެހެން ފަރުމާކުރެވި ތަންފީޒުކުރެވޭ ޕްރޮގްރާމަކަށް ހަދަން ވަނީ ހިމަނާފަ އެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި މައިގަނޑު ފަސް ސިޔާސަތެއް ވަނީ ހިމަނާފަ އެވެ. އޭގެ ތެރެއިން ލޯންޗުކޮށްފައި ވަނީ ތިން ސިޔާސަތެވެ. އެއީ, "އުފާވެރި ދިރިއުޅުން", "އާ ޒުވާނުންގެ ޖީލު" އަދި މިރޭ ހާމަކުރި "އަމާން މުޖުތަމައު" ސިޔާސަތެވެ. ބާކީ ދެ ސިޔާސަތު ވެސް ކެމްޕެއިން ތެރޭގައި އިފްތިތާހު ކުރުމަށް އެމްޑިޕީން ވަނީ ނިންމާފައެވެ.