ހުޅުމާލެ ޓްރީޓޮޕް ސަރަހައްދަށް އަދި އޮރެންޖު ހިޔާ ކައިރީގައި އާ ބަސް ސޮޓްޕެއް ގާއިމް ކޮށްފިއެވެ.
އެމްޓީސީސީން ބުނީ، އެ ކުންފުނިން ފޯރުކޮށްދޭ އާރްޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ R5 ރޫޓުގެ ސެޑިއުލަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން އެ ރޫޓުގެ ޝެޑިއުލް ދަތުރުތައް ކުރުމަށް މިހާރު ހަމަޖެހިފައިވަނީ ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 22:30ގެ ނިޔަލަށް ކަމަށް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން އެރޫޓަށް އިތުރު ދެ ބަސް ހުއްޓިއެެއް އިތުރުކޮށްފައިވާ ކަމަށާއި މިގޮތުން ޓްރީޓޮޕް އަދި އޮރެންޖް ހިޔާ ކައިރީގައި ބަސް ހުއްޓި ގާއިމްކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީއިން ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އާއެކު ގިނަ ބަޔަކަށް ލުއިފަސޭހަ ކަމެއް ލިބެމުން އަންނައިރު އެ ހިދުމަތަށް އަންނަނީ ބޮޑު ތަރުހީބެއްވެސް ލިބެމުންނެވެ.
ތަފާތު ގިނަ ރޫޓުތަކަށް އެ ހިދުމަތް ދެމުން އަންނައިރު ޓިކެޓް ނެގުމަށް އާރްޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން މިހާރު ބޭނުން ކުރެވޭއިރު ދަތުރުކާޑު ބޭނުންކޮށްގެން ވެސް މި ބަސް ރޫޓުގައި ކަސްޓަމަރުންނަށް ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ކޮންމެ 15 މިނެޓަކުން ހުޅުމާލެއިން މާލެއަށް އެމްޓީސީސީއިން އަންނަނީ ބަސް ދަތުރު ކުރަމުންނެވެ. ހުޅުމާލެ އަށް ކުރާ ބަސް ދަތުރުތައް ފުޅާކުރުމުގެ ގޮތުން އެންމެ ފުރަތަމަ ޑަބަލް ޑެކް ބަސް ގެނެސްފައި ވަނީ 2018 ވަނަ އަހަރުގައެވެ.