އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރައްޔިތުން ބޭނުންވާ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުން ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އއ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ތޮއްޑު އަށް ވަޑައިގެން ރައީސް ވިދާޅުވީ، މިހާތަނަށް ދަތުރުފުޅު ކުރެއްވި ކޮންމެ ރަށަކުން ވެސް ބޮޑު ބަދަލުތަކެއް ފެންނަމުން ދާ ކަމަށެވެ. ސަބަބަކީ ރަށްތައް ތަރައްގީކުރުމަށްޓަކައި މީގެ ކުރިން ނުހިންގާ ވަރަށް މަޝްރޫއުތައް ހިންގަމުންދާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި އާ އެކު ރައީސް ވަނީ ތޮއްޑު އަށް އޭރު ވެވަޑައިގަތް ބައެއް ވައުދުތަކަށް އަލިއަޅުވާލައްވައިފައެވެ. އެގޮތުން:

  • އެ ރަށުގައި ފުޓްބޯޅަ ދަނޑެއް އަޅައިދިނުން (ދަނޑުގެ މަސައްކަތް ނިމި ކުރިއަށް ދަނީ ރޮސްޓްރަމްގެ މަސައްކަތް)
  • އެ ރަށު ސްކޫލަށް މަލްޓިޕާޕަސް ހޯލަކާއި 12 ކްލާސްރޫމް އިތުރުކުރުން (ނިމި ބޭނުންކުރެވެމުން ދަނީ)
  • ސެލްފް ސާވިސް އޭޓީއެމެއް ގާއިމްކުރުން (ނިމި ބޭނުންކުރެވެމުން ދަނީ)
  • ބަނދަރުގެ ފެންވަރު ރަނގަޅުކޮށް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދަނީ
  • ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް (ބަޔަކާ ވަނީ ހަވާލުކުރެވިފަ، ލަސްތަކެއް ނުވެ ފެށޭނެ)

އޭގެ އިތުރުން، ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ، ތޮއްޑޫގައި ސޯޝަލް ސެންޓަރެއް ގާއިމްކުރައްވާނެ ކަމަށާއި، އެ ރަށު ސްކޫލަށް ހަ ކްލާސްރޫމް އިތުރުކުރައްވައި، ކައުންސިލަށް އާ އިމާރާތެއް ދެއްވައި، އާ މިސްކިތެއް އަޅުއްވައި، މަލްޓި-ފެސިލިޓީ ޕާކެއް ހައްދަވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފައިވެއެވެ.

ހަމަ އެއާއެކު، ތޮއްޑޫގެ ކައުންސިލުން ދޭން ނިންމާފައިވާ 100 ގޯތީގެ މައްސަލަ ކޯޓު މަރުހަލާ އިން ނިމުނުހާ އަވަހަކަށް އެކަން ފުއްދޭނެ ކަމާއި، އިތުރު 200 ގޯތި ދޫކުރަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.