ފުލުހުން ބަލަމުން އަންނަ ފޯޖަރީ (ސްކޭމް) މައްސަލައަކާ ގުޅިގެން ކުރީގެ ނެށުންތެރިޔާ އަލީ ޝާހިދު (ސްޓެފް އައްޔަ) ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބަލަމުން އަންނަ ފޯޖަރީގެ މައްސަލައެއްގެ ތަހުގީގަށް އަލީ ޝާހިދު 43، ހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާ ކަމަށެވެ.

އޮގަސްޓް 24 ހެނދުނު 11:30 އަށް އޭނާ ހާޒިރުވާން ޖެހެނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެވެ.

މިދިޔަ އަހަރުވެސް މައްސަލައަކާ ގުޅިގެން ފުލުހުން އޭނާ ހޯދަން އިއުލާނު ކޮށްފައި ވެއެވެ. އެ ފަހަރު އޭނާ ހޯދަން އިއުލާން ކޮށްފައި ވަނީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުުރުމުގެ މައްސަލައަކާ ގުޅިގެން އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށެވެ.

މިހާރު އޭނާ ފެންނަމުން ދަނީ ސިޔާސީ ހަރަކާތްތަކުން ކަމަށް ވާއިރު މީގެ ކުރިން އެމްޑީޕީ އަދި ޕީޕީއެމްގައި ވެސް ހަރަކާތްތެރި ވެފައި ވެއެވެ. ނަމަވެސް މިހާރު އޭނާ މަސައްކަތް ކުރަމުން ދަނީ ކުރީގެ ނައިބު ރައީސް އަދީބު ހިންގަވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓސް (އެމްޓީޑީ)ގެ އެކްޓިވިސްޓެއްގެ ގޮތުގައެވެ.