ދެ ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ހަވާލު ކުރި ދެ މަޝްރޫއަކީ އދ. މަހިބަދޫގެ މަގު ހެދުމުގެ މަސައްކަތާއި ރ. މަޑުއްވަރީ މަގުގައި ތާރު އެޅުމުގެ މަޝްރޫއެވެ.

އެގޮތުން މަހިބަދޫ މަގުހެދުމުގެ މަސައްކަތް މަސައްކަތަކީ 42,765,652.08 ރުފިޔާގެ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 420 ދުވަހުގެ ތެރޭ ނިންމުމަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އަދި މަޑުއްވަރީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތަކީ 82,813,732.77 ރުފިޔާގެ މަޝްރުއެއް ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭ ނިންމުމަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި، އެއްގަމު ދަތުރުފަތުރު ކުރެވޭނެ ފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި، ބެލެހެއްޓޭނެ ނިޒާމެއް ގާއިމު ކުރުމަށް އުފެއްދި ކުންފުންޏެކެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި، އެއްގަމު ދަތުރުފަތުރު ކުރެވޭނެ ފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި، ބެލެހެއްޓުމަކީ އަސާސީ ހިދުމަތަކަށް ވާތީ މިފަދަ ކުންފުންޏެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނުގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރުގެ ދަށުން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި ވަކި ކުންފުންޏެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ 2019 ވަނަ އަހަރުގެ ޖޫން މަހުއެވެ. އަދި ކުންފުނި އެކުލަވާލާ ކުންފުނީގެ މަސައްކަތް ރަނގަޅަށް ހިނގައިގަންނަށް ފެށީ 2020 ވަނަ އަހަރުއެވެ.

ކުންފުންޏާ އެންމެ ފުރަތަމަ ހަވާލުކުރި ސަރުކާރުގެ ބޮޑު މަޝްރޫޢުއަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުއެވެ. ނަމަވެސް އޭގެ މަހެއްހާ ދުވަސްފަހުން ކުރިމަތިވީ، ކޯވިޑްގެ އާލަމީ ވަބާއެވެ. މިއާއެކު ޅަފަތުގައިވާ އާރްޑީސީ ހިނގައިގަތުމަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިވިއެވެ.