ފުރަތަމަ ފަހަރަށް ސައުދީން، ފަލަސްތީނަށް އެމްނެސެޑަރެއް ކަނޑައަަޅާ ފަތްކޮޅު ހަވާލު ކޮށްފައި ވާއިރު، އޭނާ ޖަރޫސަލަމްގައި ހުންނަވާނެ އޮފީހެއް [އިމާރާތެއް] ނެހެދޭނެ ކަމަށް ޔަހޫދީ އިޒްރޭލުން ބުނެފިއެވެ.
ސައުދީން ފަލަސްތީނަށް ކަނޑައެޅީ، އުދުރުނަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު ނާއިފް ބިން ބަންދަރު އަލް ސުދައިރީއެވެ. އޭނާ ހަމަޖައްސާފައި ވަނީ ޕަލަސްތީނަށް ކަނޑައަޅާ ނޮން ރެޒިޑެންޓް އެމެސެދަރު އަދި ޖަރޫސަލަމަށް ކަނޑައަޅާ ކޮންސުލް ޖެނެރަލްގެ ގޮތުގައެވެ.
އޭނާގެ ސަފީރުކަމުގެ ފަތްކޮޅާ ހަވާލުވެވަޑައިގަތީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ސިޔާސީ އެޑްވައިޒަރެވެ. އެ ރަސްމިއްޔާތު ބާއްވާފައި ވަނީ ވެސް އުރުދުންގައެވެ.
މިކަމާ ގުޅިގެން އިޒްރޭލުގެ ފޮރިން މިނިސްޓަރު އެލީ ކޯހެން ބުނީ، ސައުދީން އެކަން ކުރީ ފަލަސްތީނުގެ މަތިން ސައުދީ ހަނދާން ނުނެތޭކަން ދެއްކުމަށް ކަމަށާއި އެކަމުގައި އިޒްރޭލާ މަޝްވަރާއެއް ވެސް ކޮށްފައި ނުވާ ކަމަށެވެ. އަދި އެއީ މަޝްވަރާ ކުރަން ޖެހޭ ކަމެއް ނޫން ކަަމަށް ވިޔަސް، އޭނާ ހުންނަވާން ޖަރޫސަލަމްގައި އޮފީހެއް ހެދުމުގެ ހުއްދަ ނުދޭނެ ކަމަށް ބުނެފައި ވެއެވެ.
އިޒްރޭލުން ތިބީ އެމީހުންގެ ވެރިރަށަކީ ޖަރޫސަލަމް ކަމަށް ހަދައިގެން އެތަނަށް އަތްގަދަ ކޮށްގެންނެވެ. އެއީ އދ އާއި ބައިނަލްއަގުވާމީ ގިނަ ގައުމުތަކުން ބަލައިގެންފައި ވާ ކަމެއް ނޫން ކަމަށް، އިޒްރޭލުގެ މަދަދުވެރިޔާ އެމެރިކާގެ ރުހުން އެކަމުގައި އޮތީ އިޒްރޭލާއެކުގައެވެ.
ފަލަސްތީނުން ގަބޫލު ކުރަނީވެސް އަދި ވަކާލާތު ކުރަނީވެސް އިރުމަތީ ޖަރޫސަލަމް އަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް ވާން ޖެހޭނެ ކަމަށެވެ. ނަމަވެސް 2017 ގައި އެމެރިކާގެ ރައީސް ކަމުގައި ހުންނެވި ޑޮނާންޑް ޓްރަމްޕް ވަނީ ފަލަސްތީނުގެ އެ ނިންމުމަށް ގޮން ޖައްސަވައި، އެއީ އިޒްރޭލުގެ ވެރިރަށް ކަމުގައި ބަލައިގަނެ އެތާނގައި އެމެރިކާގެ އެމްބަސީއެއް ވެސް ހުޅުވާފައެވެ.
އިސްލާމީ ހުރިހާ ގައުމަކުން ފަލަސްތީނަކީ ދައުލަތެއް ކަމަށް ބަލައިގެންފައި ވީ ނަމަވެސް ސައުދީ އަކީ ޕަލަސްތީނަށް އެމްބެސެޑަރަކު ކަނޑައެޅި ފުރަތަމަ ގައުމެވެ. އަދި ސައުދީގެ ރިޔާދުގައި ފަލަސްތީނުގެ އެމްބަސީއެއްވެސް ހަދާފައި ވެއެވެ.
އިޒްރޭލުން ފަލަސްތީންގެ ބިންތައް އަތްދަށުލައިގެން ތިބޭ ތިބުން ނިމުމަކަށް ގެނައުމާއި ސުލްހަވެރި ދެ ސްޓޭޓް ކަނޑައެޅުމަށް މިދިޔަ އަހަރު ސައުދީން އިސްނަގައިގެން "އަރަބް ޕީސް އިނީޝިއޭޓިވް" ގެ ނަމުގައި ހުށަހެޅުމެއްވެސް ހުށަހެޅިއެވެ. ނަމަވެސް ޔަހޫދީން ވަނީ އެކަމާ ދެކޮޅު ހަދާ އެ ބަލައިނުގެން ބޮލާލައި ޖަހާފައެވެ.