އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ އިޖުރާއީ ކަމެއް ސާފު ކުރުމަށް ކަމަށް ބުނެ މިއަދުގެ ހެކިބަސް ނެގުން އެހެން ދުވަހަކަށް ފަސްކޮށްފިއެވެ.

ޝަރީއަތުގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް މިއަދަށް ތާވަލްކޮށް 3 ހެއްކެއްގެ ހެކިބަސް ނެގުމަށް ނިންމާފައި އޮތް ނަމަވެސް ހެކިބަސް ނަގަން ފެށުމުގެ ކުރިން ލަމްހާގެ ވަކީލު ވަނީ ދައުލަތުން ހާޒިރު ކުރި ހެކިންގެ ތެރެއިން ހެކިވެރިއަކު ހުށަހެޅި ސަބަބު އޭނާ އަތުގައި އޮތް ލިޔުމާއި ދައުލަތުން ބުނާ ގޮތާ ދިމާ ނުވާކަން ފާހަގަ ކުރައްވާފައެވެ.

އެކަމާ ގުޅިގެން ދައުލަތުން ބުނީ މައްސަލައިގެ އަޑުއެހުންތައް ފެށުމުގެ ދެ މަސް ކުރިން ދައުވާ ފޯމަށް ބަދަލު ގެނެސް ދައުލަތުން ކޯޓަށް ހުށަހަޅާފައި ވާނެ ކަމަށެވެ. ނަމަވެސް އެކަން އެނގިފައި ނުވާ ކަމަށް ދިފާއުން ވަނީ ބުނެފައެވެ. އެއާއެކު މައްސަލައިގެ ދައުވާ ފޯމަށް ގެނެސްފައިވާ އިސްލާހުތަކާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެއްލެވުމަށް ފަހު، ހެކިބަސް ނެގުން ކުރިއަށް ގެންދިއުމަށް ގާޒީ ވަނީ ނިންމަވާފައެވެ.

މި މައްސަލައިގައި އަދިވެސް ދައުލަތުގެ އިތުރު ހެކިންތަކެއްގެ ހެކިބަސް ނެގުން ކުރިއަށް އޮތްއިރު ދައުލަތުން ވަނީ އޭގެ ތެރެއިން ބައެއް ހެކިންގެ ހެކިބަސް މިހާރު ނަގަން ބޭނުންނުވާކަމަށް ބުނެފައެވެ. އަދި އެ ފަރާތްތަކަކީ ކޮބައިކަން ކޯޓަށް ލިޔުމުން އަންގާނެ ކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވެފައި ވެއެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. އަދި މޭރީގެ ފިރިމީހާ މާވިން އެސް ވައި ވާގަސްގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ލަމްހާގެ މައްޗަށް ކޮށްފައިވާ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތު ކުރުމަށް 110 ހެކި ދައުލަތުން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން 74 ހެއްކަކީ ޝަފައީ ހެއްކެވެ. އަނެއް ދެ ދައުވާ ސާބިތުކުރުމަށް 18 ހެކި ހުށަހަޅާފައި ވާއިރު އޭގެތެރޭގައި 11 ޝަފައީ ހެކި ހިމެނެއެވެ. ލަމްހާގެ މައްޗަށް ކޮށްފައިވާ 3 ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް 10 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މޭރީ މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ. ލަމްހާ ހައްޔަރު ކުރީ އެ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ.

މި މައްސަލައާ ގުޅިގެން ލަމްހާއަށް ނަފްސާނީ ބައްޔާ ކުރިމަތިލާން ޖެހިފައި ވާކަން ފާހަގަކޮށް 100 ދުވަހަށް ބަންދުން ދޫކުރުމަށް އޭނާގެ ވަކީލުން މީގެ ކުރިން ހުށަހެޅި ނަމަވެސް, ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވެފައި ވަނީ ޝަރީއަތް ނިމެންދެން ލަމްހާ ބަންދު ކޮށްފައި ވާ ސަބަބަށް ބަދަލު ނާންނަ ކަމަށެވެ. ލަމްހާ ބަންދު ކޮށްފައި ވަނީ އޭނާ ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުގެ އިތުރުން މުޖުތަމައަށް ނުރައްކާލެއް އޮވެދާނެތީއެވެ.