އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ގައި ޕައިލެޓް ލައިސެންސް ފުރިހަމަ ނުކޮށް މެދުކަނޑާލަން ޖެހުނު ދަރިވަރުންނަށް، އައިލެންޑް އޭވިއޭޝަން ސަާވިސްގެ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ކޯހުގެ ބާކީބައި ފުރިހަމަކުރުމަށް ދިނުމަށް ނިންމާފައިވާ ލޯނަށް ފައިސާ ދޫކުރާނީ ދަރިވަރުންގެ ކޯސް ފުރިހަމަ ކުރުމަށް ބާކީ އޮންނަ މުއްދަތަށް ވާ ފައިސާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ކޯހުގެ ބާކީބައި ފުރިހަމަ ކުރުމަށް އެދޭ ދަރިވަރުންނަށް ލޯނު ދިނުމަށް ސަރުކާރުން ނިންމާފައިވާ އިރު މި ލޯނު ދިނުމަށް ނިންމާފައި ވަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. މިގޮތުން މީގެ ކުރިން ކޯސް ފުރިހަމަކުރުމަށް ދެ ބެޗަކަށް ލޯނު އެހީ ދޫކޮށްފައި ވެއެވެ. އަދި މިހާރު ތިން ވަނަ ބެޗަށް ލޯނު ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނައިރި މިނިސްޓްރީން ވަނީ ލޯނަށް އެދި އޮގަސްޓް 21، 2023 ވާ ހޯމަ ދުވަހު ގެ ކުރިން ހުށަހެޅުމަށް އެދިފައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޕައިލެޓް ލައިސެންސް ފުރިހަމަ ކުރަމުން ދިޔަ ދަރިވަރުންގެ ކޯސް ނުނިމި ދިގުލައިގެން ދިއުމާއި ދަރިވަރުންނަށް ކޯސް ކުރިއަށް ގެންދިއުމަށް މާލީގޮތުން އެތަކެއް ދަތިތަކެއް ކުރިމަތިވެ ކޯސް ހުއްޓާލަން ޖެހުނު ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެދަރިވަރުންނަށް ކޯސް ކުރިއަށް ގެންދިއުމުގެ ފުރުސަތު ހޯދައިދީ އެކަމަށް މި ސަރުކާރުން ހައްލު ގެނެސްދެއްވާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ

އިތުރުން މިނިސްޓްރީން ބުނީ މި ލޯނު އެހީގެ ފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ 2023 ވަނަ އަހަރުގެ ބަޖެޓުންކަމަށެވެ.