ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވާނީ 15 ޕަސެންޓް ވޯޓު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕެއިނަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު އާއެކު ހުވަދުއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ގއ. މާމެންދުއަށް ވަޑައިގެން ވާހަކަފުޅު ދައްްކަވަމުންނެވެ. ނަޝީދު ވިދާޅުވީ، ހުވަދު އަތޮޅު އަދި ރާއްޖޭގެ އެހެން އަތޮޅެއް ވިޔަސް ރައީސް ސޯލިހާއި އެމްޑީޕީއަށް މިހާރު 15-20 ޕަސެންޓަށް ވުރެ ބޮޑު އެއްްޗެއް ލިބެން ނެތްކަން އެއީ ވަރަށް ސާފު ހަގީގަތެއް ކަމަށެވެ.

މި ހުވަދު އަތޮޅު އަދި ރާއްޖޭގެ އެހެން އަތޮޅެއް ވިޔަސް އައްޑޫ އަތޮޅު މާލެ އަތޮޅު ފުވައްމުލަކަށް ވިޔަސް، ރައީސުލްޖުމްހޫރިއްޔާއަށް 15،20 އިންސައްތައަށް ވުރެ ބޮޑެ އެއްޗެއް ލިބެން ނެތް ކަމީ ވަރަށް ސާފު ހަގީގަތެއް.
ނަޝީދު

ރައީސް ސޯލިހު ރަށްރަށަށް ވަޑައިގަންނަވަނީ އެސްއޯ ފުލުހުން ފޮނުވާ، ކަރަންޓު މުގުރާއި ދަގަނޑު ޝީލްޑާއި ކަރުނަ ގޭހާ އެކީގައި ކަމަށާއި މިގޮތަށް އަމަލު ކުރައްވައިގެން ވެސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ 15 ޕަސެންޓް ވޯޓު ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެމްޑީޕީ އަތުގައި ވަރަށް ފައިސާ އެބަ އޮތް ކަމަށާއި، ބަހަން ވެސް ފައިސާ އޮންނާނެ ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.

އެމްޑީޕީއަކީ ތިބޭފުޅުން ވަކި މަގްސަދުތަކެއް ހާސިލް ކުރުމަށްޓަކައި، ވަކި ކަންތައްތަކެއް ގާއިމް ކުރުމަށް އެންމެން އެކުވެ އުފެއްދި ފިކުރެއް
ނަޝީދު

ނަމަވެސް ހުރިހާ ރައްޔިތުންނަކީ ވެސް ދުރު ވިސްނޭ ބައެއް ކަމަށާއި، ވަގުތީ ފައިދާއަށް ހެއްލިގެންދާނެ ބައެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާނީ 15 ޕަސެންޓު ވޯޓު ކަމަށް ނަޝީދު މިއަދު ވިދާޅުވެފައި ވާއިރު މީގެ ކުރިން ވެސް ނަޝީދު ވަނީ ރައީސް ސޯލިހު، އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެންފި ނަމަ، 10-15 ޕަސެންޓުން ބަލިވާނެ ކަމަށް ވިދާޅުވެފައެވެ.

ނަޝީދު އޭރު އެހެން ވިދާޅުވީ، އެމްޑީޕީގެ ދަފްތަރުން 39 ހާސް މެންބަރުން ވަކިކޮށްފައިވާ ކަމަށާއި، އެ 39 ހާސް މެންބަރުން ތިބީ އެއް ގޮތަކަށް ވެސް ރައީސަށް ވޯޓު ނުދޭން ކަމަށް ވިދާޅުވެއެވެ.

ރައީސް 10-15 ޕަސެންޓުން ބަލިވެވަޑައިގަންނަވާނެ ކަމަށް ނަޝީދު ހިސާބު ޖެއްސެވި ދެވަނަ ސަބަބަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ކެމްޕެއިންގައި ހަރަކާތްތެރިވި އިސް ބައެއް ބޭފުޅުން ރައީސްގެ ކެމްޕެއިންގައި ވެސް ހިމެނުމެވެ. އޭގެ ތެރޭގައި އައްޑޫ މަރަދޫ ދާއިރާގެ މިހާރުގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ހިމެނެއެވެ.

މިފަހަރު އެހެން ބޭފުޅުންގެ މޫނުތަކެއް ވެސް ފެންނަކަމާ އެކުގައި އަޅުގަނޑު މި ދަންނަވަނީ 10-15 ޕަސެންޓުގައޭ އެކަން ހުންނާނީ،
ނަޝީދު

ނަޝީދު ވަނީ މީގެ ކުރިން ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ގިނަ ސިޔާސަތުތަކަށާއި، ސަރުކާރު މިހާރު ހިނގަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވާހަކަފުޅު ދައްކަވާފައެވެ.