ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ރިޔާސީ އިންތިހާބާ ބެހޭ ޝަކުވާ ނުކުރެވޭ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ބުނެ ކޮމިޓީގެ ބައްދަލުވުން ދޫކޮށް ނުކުމެއްޖެއެވެ.

ރިޔާސީ އިންތިހާބާ ގުޅޭ ކަންކަމުގައި އިލެކްޝަން ކޮމިޝަން (އީސީ)ން އުފައްދާފައިވާ ގައުމީ ލަފާދޭ ކޮމިޓީގެ ތިން ވަނަ ބައްދަލުވުން ބާއްވާފައި ވަނީ މިއަދުއެވެ. އެ ބައްދަލުވުމުގައި އިންތިހާބުގެ މަސައްކަތާ ގުޅޭގޮތުން ކުރެވުނު މަޝްވަރާ ކުރުމަށް އިލެކްޝަނުން ކޮންމެ ބޭފުޅަކަށް 3 މިނެޓް ދީފައި ވެއެވެ. އެގޮތުން ޖޭޕީގެ މަންދޫބު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ރިޔާޒް ރަޝީދަށް ފުރުސަތު ލިބިވަޑައިގަތުމާއެކު ފުރަތަމަވެސް ކަންބޮޑުވުން ފާޅުކުރެއްވީ ވާހަކަދެއްކެވުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ވިދާޅުވެއެވެ. "މިފަދަ ބައްދަލުވުންތަކުގައި ސިޔާސީ ޕާޓީތަކަށް ބޭނުންވާ ވާހަތައް ހިއްސާ ކުރުމަށް އެކަށީގެންވާ ވަގުތު ދެއްވަން ވާނެ" ރިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރިޔާޒް ވިދާޅުވީ މިސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ އިތުރުން މުވައްޒަފުންނާއި، ތަކެތި ނަހަމަ ގޮތުގައި ބޭނުންކޮށް ނުފޫޒު ފޯރުވަމުން ދާކަމަށެވެ. މީގެ އިތުރުންވެސް ކުންފުނިތަކާއި އޮފީސްތަކުގެ ބައެއް މުވައްޒަފުން މުސާރަ ލިބޭގޮތަށް ރައީސް ސޯލިހުގެ ކެމްޕެއިނަށް ދޫކޮށްލާފައިވާ ކަމަށާއި މިކަންކަން ބަލާ ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް ރިޔާޒް ވަނީ ވިދާޅުވެފައެވެ.

އެއާއެކު ރިޔާޒްގެ ވާހަކަ މެދު ކަނޑާލުމަށް ފަހު އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ތިން މިނެޓުގެ ވަގުތު ހަމަވެއްޖެ ކަމަށާއި ދެ ވަނަ ފުރުސަތެއްގައި އިތުރު ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވާނެ ކަމަށެވެ. ނަމަވެސް ކަންބޮޑުވުންތަކުގެ އަޑު އީސީން ނާހާ ކަމަށާއި އިތުރު ފުރުސަތެއް ބޭނުން ނޫން ކަމަށް ވިދާޅުވެ ރިޔާޒް ބައްދަލުވުން ދޫކުރައްވައި ނުކުމެވަޑައިގަތީއެވެ.

ރިޔާޒްގެ މި އަމަލާ ގުޅިގެން ހަބީބް ވިދާޅުވީ "މިތާނގައި [އީސީގައި] ދައްކާނީ ދިވެހި ރައްޔިތުންނަށްޓަކައި ދައްކާ ވާހަކައެއް ނޫން. ސިޔާސީ ޕާޓީތަކުން ވެސް މިތާނގައި ވާހަކަ ދައްކަންވީ ގައުމީ ލަފާ ކޮމިޓީގެ މައުޟޫގެ ތެރެއިން ކޮމިޓީގައި ތިއްބަވާ މެންބަރުން އަޅުގަނޑުމެންނަށް ނިސްބަތްވާ ގޮތަށް،" ކަމަށެވެ.

އިންތިހާބުތަކުގައި ލަފާދޭ ކޮމިޓީ އަތުރަނީ އިންތިހާބުގައި ބައިވެރިވާ ޕާޓީތަކުގެ މަންދޫބުން ހިމަނައިގެންނެވެ. ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.