ތެލެސީމިއާ ހުރިހާ ކުދިންނަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހައްދަވައި ދެއްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. އުތީމަށް ވަޑައިގެން އެ ރަށުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާލުވީ ސިއްހީ ނިޒާމުގެ ތެރޭގައި ކުރަން ޖެހޭ ކަންކަމަށް އިސްކަން ދޭން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ތެލަސީމިއާ ކުދިން ވަރަށް ގިނަކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ޒަކާތު ފަންޑުގެ ތެރެއިން ބޯން މެރޯ ޓްރާންސްޕްލާންޓް ކުރުމުގެ މަސައްކަތް ކޮށްދެއްވި ކަަމަށެވެ.
އެ ފަރުވާއަކީ ވަރަށް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ނިޒާމުގެ ތެރެއިން ކުރާ ކަމަކަށް ބަދަލުކުރަން ޖެހޭ ކަމަށާއި މުޅި ރާއްޖޭގައި ތިބި އެފަދަ ކުދިންނަށް ނިޒާމުގެ ތެރެއިން ބޯން މެރޯ ޓްރާންސްޕްލާންޓްގެ މަސައްކަތް ސަރުކާރުން ހިލޭ ކޮށްދެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އުތީމަކީ ހާއްސަކަމެއް ދޭން ޖެހޭ ރަށެއް ކަމަށާއި އުތީމުގެ ތަރައްގީއަށްޓަކައި ސަރުކާރުން އިސްކަން ދޭން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޝްވަރާއާއެކު ރައީސް ޔާމީންގެ ވެރިކަމުގައި ހެދި ބަނދަރަށް މޫސުމަށް އަންނަ ބަދަލާއެކު ކޮންމެ ރަށެއްގައިވެސް ދިމާވާ އެކި ކަހަލަ މައްސަލަތައް ދިމާވެފައިވާ ކަމަށާއި އެހެންކަމުން އެ ބަނދަރު ބޮޑުކުރުމާއި ނެރު ފައިކައްޓަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ އެކަން ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އުތީމުގެ ބަންޑާރާއި މިސްކިތުގެ ސީޓު ހަލާކުވެފައި ވާކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ އެ މިސްކިތް މަރާމަރާތުކޮށް ރަނގަޅު ފެންވަރަކަށް ހެދުމަށާއި ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް އިސްކަން ދެއްވާނެ ކަމަށެވެ. އަދި ގެދޮރުގެ މައްސަލަ ހައްލުކުރަން އުތީމުގައި ގެދޮރުގެ މަޝްރޫއުތައް ހިންގަވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ޒުވާނުންނާ ގުޅޭ ކަންކަމާއި ސްކޫލުގެ މައްސަލަތަކަށް ސަމާލުކަން ދެއްވައިގެން ހައްލުކޮށް ދެއްވާނެ ކަމަށާއި ގަނޑުވަރު ސަރަހައްދު ތަރައްގީ ކުރުމާއި ހަނދާނީ މަރުކަޒު ތަރައްގީ ކުރުމާ ގުޅިފައިވާ ހުރިހާ މަސައްކަތެއް ކުރުމަކީ ސަމާލުކަމެއް ދެއްވާނެ ކަންކަން ކަމަށެވެ. އަދި އުތީމަކީ ދައުލަތުގެ ގިނަ ވެރިންނާއި އިއްޒަތްތެރިން އަދި ބޭރު މީހުން ޒިޔާރަތް ކުރާ ރަށެއްކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ރަށްވެހިގެއެއް ހުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ފާހަގަ ކުރެވޭތީ އެކަމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނަމަ އެ ފަދަ އިމާރާތެއް ގާއިމު ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
މީގެ އިތުރުން އުތީމުގައި އޭޓީއެމްއެއްގެ ހިދުމަތް ގާއިމު ކުރުމާއި މައި މަގުތައް ހަދައިދިނުމަށް ވެސް މުއިއްޒު ވަނީ ވައުދު ވެވަޑައިގެންފައެވެ.