ޓެރަރިޒަމް ހަމަލާގެ މައްސަލައަކާ ގުޅިގެން ތިން ތަނެއް ބަލާ ފާސްކޮށްފިއެވެ.

ފުލުހުން ބުނީ 2017 ވަނަ އަހަރުގެ ފަހުކޮޅު ހަތަރު ދިވެއްސަކު ރާއްޖެއާއި އަވަށްޓެރި ގައުމެއްގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރާވައި، ރާއްޖެއިން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގެ ހެކި ބޭރުގެ ދެގައުމަކުން ހިއްސާ ކޮށްފައި ވާ ކަމަށެވެ. އަދި ޓެރަރިޒަމް އަމަލެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައި ވާކަމުގެ ހެކިވެސް އެ ދެ ގައުމުން ކޮށްފައިވާ ތަހުގީގުން ހާމަވެފައިވާ ކަމަށް އަންގާފައި ވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

އެގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ފޯރުކޮށްދީފައިވާ މައުލޫމާތާއި ހެކީގެ އަލީގައި 3 ތަނެއް މިއަދު ބަލާފާސްކޮށްފައި ވާކަން ފާހަގަ ކުރަމުން ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ބޭނުމަށް ޑިޖިޓަލް ޑިވައިސްތަކެއް ހިފެހެއްޓިފައިވާ ކަމަށެވެ.

ފުލުހުން އިތުރަަށް ބުނީ މި މައްސަލަ ދަނީ ތަހުގީގު ކުރަމުންދާ ކަމަށާއި މި މައްސަލައިގައި މައުލޫމާތު ފޯރުކޮށްދީފައިވާ ގައުމުތަކުގެ ތަހުގީގަށް ބޭނުންވާ އެހީތެރިކަން ދިވެހި ފުލުހުންގެ ހިދުމަތުންވެސް ފޯރުކޮށްދެމުންދާ ކަމަށެވެ.

މިފަދަ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައި ވާއިރު ރާއްޖޭގައި އައިސިސް އާއި އަލްގައިދާ ޖަމާއަތަށް ތާއީދު ކޮށް ޓެރަރިޒަމް އަށް ފައިނޭންސް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި ކުންފުނިތައް ކަނޑައަޅައި އެމެރިކާއިން ދަތި ކުރުމުގެ ފިޔަވަޅު އަޅަން ނިންމާ ދާދިފަހުން ލިސްޓެއްވެސް ވަނީ އާންމު ކޮށްފައެވެ.