ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަކަށް މި ސަރުކާރުން ހިންގަމުންދާ މަކުނުދޫ އެއާޕޯޓް މަޝްރޫއު އެ ރަށުގެ ރައްޔިތުން އެދޭ ގޮތަށް ބަދަލުކޮށް އެ މަޝްރޫއާއެކު ބިން ހިއްކައި ގޯތީގެ ދަތިކަން ހައްލުކޮށް ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބަށް ޕީއެންސީ އަދި ޕީޕީއެމް ކޯލިޝަންގެ ފަރާތުން ހިންގާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން މިއަދު ހދ. މަކުނުދޫއަށް ވަޑައިގެން އެރަށުގައި ހުޅުވި ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ކޮންމެ ރަށެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް ފަށައިގެން ކުރިއަށް ގެންގޮސްފައި ވަނީ ރައްޔިތުން ބޭނުންވާ ގޮތް ގޮތް ބަލައިގެން ނޫން ކަމަށެވެ. މި ސަރުކާރުން ރަށްރަށުގައި ބަނދަރު ހަދައި، އެއާޕޯޓް އަޅައި، ބިން ހިއްކައި ބިން ވިއްކަމުން ދަނީ އަމިއްލަ އެޖެންޑާއެއްގެ ތެރެއިން ކަމަށް މުއިއްޒު ތުހުމަތު ކުރެއްވިއެވެ. ސަރުކާރުން ހިންގާ އެފަދަ މަޝްރޫއުތަކުގެ ސަބަބުން ރަށްރަށަށް ވާ ފައިދާއެއް ނޯންނާތީ ރައްޔިތުން ތިބެނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށާއި ރައްޔިތުންނާ ގުޅުން ނެތް ސަރުކާރަކަށް ރައްޔިތުންގެ ވިންދު ނޭނގޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިކުންނަވައިގެން ހުންނެވި މުއިއްޒުގެ ސަރުކާރެއް ވާނީ ރައްޔިތުންގެ ވިންދާއި އިހްސާސާ ގުޅި ލާމެހިފައިވާ ސަރުކާރެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން މުއިއްޒުގެ ސަރުކާރެއްގައި ކުރާނެ ކަންކަމަކީ ރައްޔިތުންގެ ބޭނުންތަކަށް ރިއާޔަތް ކުރެވިގެން ކުރާނެ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން މަކުނުދޫގައި ގާއިމް ކުރަމުންދާ އެއާޕޯޓްގެ މަސައްކަތަށް އަލި އަލުއްވާލައްވަމުން މުއިއްޒު ވިދާޅުވީ، ތިމާވެށީގެ ގޮތުން އެރަށަށް އިޔާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެ ކަމަށް ރަށުގެ ރައްޔިތުން ބުނާ ކަމަށެވެ. އެރަށުގެ ފަޅަށް ލިބޭނެ ގެއްލުން އެ ރަށުގެ ރައްޔިތުން ނޫން ބަޔަކަށް ނޭނގޭނެ ކަމަށާއި އަދި އިހްލާސްތެރިކަމާއެކު މަކުނުދޫގެ ރައްޔިތުން އެދޭ ގޮތަށް އެ މަޝްރޫއު ބަދަލުކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެރަށަކީ ބިމުގެ ދަތިކަން އޮތް ރަށެއް ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، ބޮޑެތި މަޝްރޫއުތައް ހިންގުމަށް ބިން ހިއްކާ އިރު އެ މަޝްރޫއުތަކާ ގުޅުވާލައިގެން އެރަށަކަށް ބޭނުންވާ ބިން ހިއްކުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ. ބިން ހިއްކުމަކީ ވަރަށް ހަރަދު ބޮޑުވާނެ ކަމެއް ކަމަށާއި ބިން ހިއްކުމަށް ބޭނުންކުރާ ވެހިކަލްތައް އެ ރަށަކަށް ގެންގޮސް މަޝްރޫއު ހިންގާ އިރު އެ ވެހިކަލްތައް ބޭނުންކޮށްގެން އެހެން މަޝްރޫއުތަކަށް ވެސް ބިން ހިއްކޭނެ އިންތިޒާމް ހަމަޖެއްސުމަކީ، ގައުމުގެ އިގްތިސޯދަށް ވިސްނައިގެން ކަންކަން ކުރާ ނަމަ ވެސް ހަރަދު ކުޑަކޮށް މަސައްކަތް ހިންގޭނެ ގޮތް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން އެއާޕޯޓްގެ މަޝްރޫއު ބަދަލު ގެނެސްގެން ކުރިއަށް ގެންދާ އިރު، އެއާ ގުޅުވައިގެން ގޯތީގެ ދަތިކަމަށް ހައްލު ގެނައުމަށް ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ކޮށް ދެއްވާނެ ކަންކަން ހާމަ ކުރައްވަމުން އޭނާ ވިދާޅުވީ، އެހެން ރަށްރަށާ ދުރުގައި ވަކިން އޮތް މަކުނުދޫގައި އޮންނަން ވާނީ ކޮޅަށް ތެދުވެފައި އޮތް ސިއްހީ ނިޒާމެއް ކަމަށެވެ. އެކްސްރޭ ނެގުމާއި ސްކޭން ކުރުމާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނާއި އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި ވިހެއުމަށް ބޭނުންވާ ކްލިނިކް ފެސިލިޓީ އަކީ ސިއްހީ މަރުކަޒަށް ބޭނުންވާނެ އަސާސީ ކަންކަން ކަމަށެވެ. ވަކިން ދުރުގައި އޮންނަ މަކުނުދޫގެ ރައްޔިތުން މި ހިދުމަތްތައް ހޯދަން ދުރަށް ދާންޖެހުމަކީ އަދުލުވެރިކަމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން އެ ރަށުގެ ސިއްހީ މަރުކަޒު ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީ ކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ވާހަކަ ނިންމަވާލައްވަމުން އޭނާ ވިދާޅުވީ، މުއިއްޒުގެ މެނިފެސްޓޯއަކީ ރައީސް ޔާމީންގެ މެނިފެސްޓޯ ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ މެނިފެސްޓޯގައި އެންމެ ހާއްސަ އިސްކަމެއް ދެނީ ޒުވާނުން ތަރައްގީ ކުރުމަށް ކަމަށާއި، އެގޮތުން މުއިއްޒު ވެރިކަމުގައި މަކުނުދޫގެ ޒުވާނުން ބޭނުންވާ ފަދަ ބޮޑު ފުޓްބޯޅަ ދަނޑެއް އެރަށުގައި ގާއިމް ކޮށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.