ނ. ކެނދިކުޅުދޫ އާއި އެ އަތޮޅު ހެނބަދޫގެ އާ އިންޖީނުގެއާއި އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ.
އެ ދެ އިމާރާތް ހުޅުވައިދެއްވީ އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
އެގޮތުން ކެނދިކުޅުދޫ ގައި ކުރިން ބޭނުންކުރި އިންޖީނުގެ އާއި އޮފީސް އިމާރާތަށް 12 އަހަރު ވެފައިވާއިރު އޭރު ބޭނުން ކުރަމުން ދިޔައީ 1170 ކިލޯވޮޓްގެ ޖެންސެޓެކެވެ. އޭގެ ބަދަލުގައި މިހާރު ހުޅުވި އިންޖީނުގޭގައި ބޭނުން ކުރަމުން ދަނީ 1720 ކިލޯވޮޓްގެ ޖެންސެޓެކެވެ.
މީގެ ކުރިން އެ ރަށުގެ އިންޖީނުގޭގެ އޮފީހުގައި ކުރިން މަސައްކަތް ކުރަމުން ދިޔައީ 6 މުވައްޒަފުން ނަމަވެސް މިހާރު 30 މުވައްޒަފުން އެބަ ތިއްބެވެ. ފެނަކައިން ބުނީ ކުރިން ހުރި އިންޖީނުގޭގައި ޑެގް ރޫމާއި ސްޓޯ އަދި ޕެނަލް ހިމެނޭ އޮފީސް އިމާރާތެއް ނަމަވެސް މިހާރު ހުޅުވި އިމާރާތުގެ ސްޓޯރާއި ވޯކްޝޮޕާއި އިންޖީނު ރޫމާއި ކޮންޓްރޯލް ރޫމާއި ޕޭންޓްރީއާއި ފާހަނައާއި ޗިމްބާގެ އިތުރުން ފިއުލް ޓޭންކު ހިމެނޭ ކަމަށެވެ. އަދި މިހާރު ހުރި އިމާރާތުގައި ރިސެޕްޝަނާއި ލޮބީއާއި މެނޭޖަރު ރޫމާއި ޕޭންޓްރީ އާއި ފާހާނައާއި މީޓިން ރޫމާއި ގެސްޓުރޫމް ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ފެނަކައިން އިތުރަށް ބުނީ މީގެ ކުރިން ކެނދިކުޅުދޫ އިންޖީނުގެ ހުރީ އެ ރަށު ސްކޫލް އާ ކައިރީގައި ކަމަށާއި މިހާރުގެ އެ އިމާރާތް ހުރީ ވޭސްޓް މެނޭޖްމަންޓް ސެންޓަރާ ކައިރީގައި ކަމަށެވެ.
ފެނަކައިން ބުނީ ހެނބަދޫ ގައި ކުރިން ބޭނުންކުރި އިންޖީނުގެއާއި އޮފީސް އިމާރާތަށް 10 އަހަރު ވެފައިވާ ކަމަށާއި މީގެ ކުރިން ހުރި 396 ކިލޯވޮޓްގެ ޖެންސެޓްގެ ބަދަލުގައި މިހާރު ހުރީ 498 ކިލޯވޮޓްގެ ޖެންސެޓެއް ކަމަށެވެ.
މީގެ ކުރިން އެ ރަށުގެ އިންޖީނުގޭގެ އާއި އޮފީހުގައި މަސައްކަތް ކުރަމުން ދިޔައީ 6 މުވައްޒަފުން ނަމަވެސް މިހާރު 15 މުވައްޒަފުން މަސައްކަތް ކުރަމުން ދާކަން ފާހަގަކޮށް ފެނަކައިން ބުނީ ކުރިން ހުރި އިންޖީނުގޭގައި ޑެގް ރޫމާއި ސްޓޯ އަދި ޕެނަލް ހިމެނޭއިރު އޮފީސް އިމާރާތުގައި ހުރީ އޮފީސް އެކަނި ކަމަށެވެ. އެހެންނަމަވެސް މިހާރު ހުޅުވި އިމާރާތުގެ ސްޓޯރާއި ވޯކްޝޮޕާއި އިންޖީނު ރޫމާއި ކޮންޓްރޯލް ރޫމާއި ޕޭންޓްރީއާއި ފާހަނައާއީ ޗިމްބާގެ އިތުރުން ފިއުލް ޓޭންކު ހިމެނެއެވެ. އަދި މިހާރު ހުރި އިމާރާތުގައި ރިސެޕްޝަނާއި ލޮބީއާއި މެނޭޖަރު ރޫމާއި ޕޭންޓްރީ އާއި ފާހާނައާއި މީޓިން ރޫމާއި ގެސްޓުރޫމް ހިމެނެއެވެ.
މީގެ ކުރިން ހެނބަދޫ އިންޖީނުގެ ހުރީ އެ ރަށު މެދު ތެރޭގައި ކަމަށް ވިޔަސް މިހާރުގެ އެ އިމާރާތް ހުރީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައެވެ.