ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެމަނިފާނުގެ ސިޔާސީ ޕާޓީން ބޭވަފާތެރިވެއްޖެ ކަމަށާއި ދެން ރައީސް ޔާމީން މިނިވަން ކޮށް ދޭން ހަގީގީ މަސައްކަތެއް ކޮށް ދެވޭނީ ދަ ޑިމޮކްރެޓްސް އަށް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވަނީ ދަ ޑިމޮކްރެޓްސް އިން މިދިޔަ ބުރާސްފަތި ދުވަހު ގދ. ގައްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ވަނީ، ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނެރުނު ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ފަހަތަށް ޕީޕީއެމްގެ ލީޑާޝިޕް އެރުމަކީ ރައީސް ޔާމީނަށް ބޭވަފާތެރިވުން ގޮތުގައި ސިފަކުރައްވާފައެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ޔާމީން މިނިވަންކުރަން ބޭނުން ނުވާނެ ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ، ރައީސް ޔާމީން ފަސް އަހަރު ޖަލުގައި ހުންނެވީ މިއަދު ޕީޕީއެމްގެ ލީޑާޝިޕްގައި އެ ތިއްބެވި އެތައް ބޭފުޅުންނެއް އެ ގޮތަށް އެކަން އޮތުމަށް އެދިވަޑައިގެން ތިއްބެވުމުން ކަމަށެވެ. ރައީސް ޔާމީނަށް ބޭވަފާވެރިވީމާ އަދި ދެން އުފެދިދާނެ ސަރުކާރެއްގައި ރައީސް ޔާމީނަށް އެއްވެސް ފަހި ފުރުސަތެއް ނެތިގެން ދިޔުމަކީ ވެދާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވަމުން ވަނީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި ކަން ހިނގާފައިވާ ގޮތް ތަކުރާރު ކުރައްވާފައެވެ. އެގޮތުން މިދިޔަ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަ ނުކުރެއްވޭ ގޮތް ވުމުން އެ ޕާޓީގެ ރިޔާސީ ޓިކެޓު ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހަވާލު ކުރެއްވި ގޮތާއި، އިންތިހާބު ކާމިޔާބު ކުރައްވައި، އެމްޑީޕީގެ ތާއީދާއި ބާރުވެރިކަން ރައީސް ސޯލިހު ހޯއްދެވި ގޮތް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ޔާމީން ޖަލުގައި މިވަގުތު ހުންނަވަން ޖެހިވަޑައިގަތުމަކީ ޕީޕީއެމްގެ ލީޑާޝިޕުން ބޭނުންވާ ގޮތް ކަމަށް ނަޝީދު ވިދާޅުވެފައިވާ އިރު، ނަޝީދު ޖަލުން މިނިވަންވެވަޑައިގަތީ އެމްޑީޕީން ކުރި ބުރަ މަސައްކަތުން ކަމަށް ވިދާޅުވިއެވެ. އަދި އެކަން ކުރެވޭނެ ގޮތް ނަޝީދަށް އެނގިވަޑައިގަންނަވާ ކަމަށާއި ޔާމީން ޖަލުން މިނިވަން ކުރުމަށް ހަގީގީ މަސައްކަތެއް ކުރެވޭނީ ޑިމޮކްރެޓްސްއަށް ކަަމަށް ނަޝީދު ވިދާޅުވިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އަދި ހުކުމްގައި ހިމެނޭ ޖޫރިމަނާ ފައިސާ 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ދަށު ކޯޓުން ކުރި ހުކުމްގައި ވެއެވެ.

މި މައްސަލަ އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން މަސައްކަތް ކުރި ނަމަވެސް އެ މައްސަލަ ދިގު ދެމިގެން ދިޔުމުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ރައީސް ޔާމީނަށް ގެއްލުނެވެ. އެހިސާބުން ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް އެ ކޯޓުން ވަނީ ނިންމާފައެވެ.

ޖަލު ހުކުމާ ހެދި ޔާމީންގެ ޝަރުތު ގެއްލި ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަނުކުރެއްވޭ ގޮތް މެދުވެރިވުމުން ޔާމީން އެދިވަޑައިގަތީ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. އެކަމަކު ޕީޕީއެމްގެ ސެނެޓުން އިންތިހާބުގައި ވާދަކުރަން ނިންމުމުން ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުން އުފެދުނެވެ. އެ ހިޔާލު ތަފާތުވުން އޮތް ނަމަވެސް ޕީއެންސީގެ ފަރާތުން މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމައި އީސީއަށް ފޯމް ހުށަހަޅުއްވާފައެވެ. އަދި ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕުން ވަނީ މުއިއްޒުގައި ފަހަތަށް އަރާފައެވެ.

މުއިއްޒުގެ ފަހަތަށް ޕީޕީއެމުން އެރުމުން ނަޝީދު ފާޑުވިދާޅުވެފައި ވާ އިރު، ނަޝީދުގެ ވާހަކަފުޅުތަކަށް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނޭ ވަކީލް އާދަމް ޝަމީމް ވަނީ ރައްދު ދެއްވާފައެވެ. ޝަމީމް ވިދާޅުވީ، ރައީސް ނަޝީދު، ރައީސް ޔާމީނަށް ހެވެއް އެދިވަޑައިނުގަންނާވާނެ ކަމަށާއި ނަޝީދު އުޅުއްވަނީ އާދައިގެ މަތިން ކަންކުރައްވާ ގޮތަށް ޕީޕީއެމް ތެރެއަށް ކަތުރުފަނި އަޅުއްވައި ބައިބައި ކޮށްލައްވަން ކަމަށެވެ.

އެތައް ޒަމާނެއް ވަންދެން ދުޝްމަނު ވެގެން އުޅުނު މީހަކު ކުއްލިއަކަށް މާ ހެޔޮވެގެން އުޅުމުގައި ނިކަން ބޮޑު ނުބައެއް އޮންނާނެ ކަމަށް މުސްކުޅިން ބުނާ ކަމަށް ޝަމީމް ވިދާޅުވިއެވެ. ރައީސް ޔާމީން އެދިވަޑައިގަންނަވަނީ އެމަނިކުފާނުގެ ސަޕޯޓަރުން މި އިންތިހާބުގައި މުއިއްޒު އަށް ވޯޓު ދެއްވަން ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.