ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ފޯމު ހުށަހެޅުއްވި މިނިވަން ތިން ކެންޑިޑޭޓުންގެ ތެރެއިން ފާރިސް މައުމޫން އާއި އުމަރު ނަސީރުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އަންނަ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް، ކުރިމަތިލެއްވި އުމަރު ނަސީރު އާއި، އަހްމަދު ފާރިސް މައުމޫންގެ ފޯމުގައިވާ މައުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބަލައި ޗެކްކުރިއިރު، ގާނޫނުގައިވާ ގޮތަށް ދެ ބޭފުޅުންވެސް ރިޔާސީ އިންތިހާބަށް ޝަރުތު ހަމަވާ ބޭފުޅުން ކަމުގައި ބަލައި، ދެ ބޭފުޅުން ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ގަބޫލު ކޮށްފައި ކަމަށެވެ.

އިއްޔެ 2:00 އަށް ރިޔާސީ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ހަމަވެފައިވާއިރު ޖުމްލަ 8 ކެންޑިޑޭޓަކު ކުރިމަތި ލުމަށް އީސީއަށް ފޯމް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން އަމިއްލަ ގޮތުން ވާދަކުރާ ތިން ކެންޑިޑޭޓުން ހިމެނޭއިރު އޭގެ ތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން އަދި ޑިފެންސް މިނިސްޓްރީގެ ނައިބަކަށް ކުރިން ހުންނެވި ހަސަން ޒަމީލުވެސް ހިމެނިވަޑައިގަންނަވައެވެ.

އަދި ޕާޓީތަކުން ކުރިމަތިލީ ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމް އާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ.

އެމްއެންޕީގެ ކެންޑިޑޭޓް ނާޒިމް އާއި ރައީސް ސޯލިހުގެ އިތުރުން ޑިމޮކްރެޓްސްގެ އިލްޔާސް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން ޕީއެންސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ ފޯމް އީސީން ވަނީ މީގެ ކުރިން ބަލައިގަނެފައެވެ. މިހާތަނަށް ބަލައި ނުގަންނަނީ ހަސަން ޒަމީލުގެ ފޯމެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އިދިކޮޅު މައި ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީންވެސް އީސީ އަށް ފޯމް ހުށަހެޅުއްވިއެވެ. ނަމަވެސް ގާނޫނުއަސާސީގައިވާ ބައެއް ޝަރުތުތައް ހަމަނުވާ ކަމަށް ބުނެ އީސީން ވަނީ އެ ފޯމް ބަލައި ނުގަންނަން ނިންމާފައެވެ. އެންމެ ފަހު މަރުހަލާ އެއް ގޮތުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބަދަލުކުރުމުން ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން ވެސް، ޔާމީން ކުރިމަތިލައްވަން ޖެހިވަޑައިގަތީ ނާކާމިޔާބީއާއެވެ. ސުޕްރީމް ކޯޓުގެ ރައުޔުގައިވާ ގޮތުން ޔާމީންގެ ޝަރުތެއް އުނިވަނީ ސާބިތު ދަރަންޏެއް އޮވެގެންނެވެ.

ހަމަ އެއާއެކު، ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ރައީސްކަމަށް ކުރިމަތިލާ މީހެއްގެ ސާބިތު ދަރަންޏެއް އޮވެގެން ނުވާނެ ކަމަށާއި، 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރާ މީހެއް ކަމުގައި ވެގެނެއް ނުވާނެއެވެ. ޔާމީންގެ އުނިވަނީ މި ދެންނެވި ޝަރުތުތަކެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،672 މީހުންނަށް ލިބިގެންވާ ކަމަށް، އިލެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ރާއްޖެއާއި ރާއްޖޭން ބޭރުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވާއިރު އޭގެ ތެރޭގައި މާލޭ ސަރަޙައްދުގައި ބެހެއްޓުމަށް ނިންމާފައިވާ 187 ފޮށްޓަކާއި، އަތޮޅުތަކުގައި ވޯޓުލުމަށް ބަހައްޓާ 397 ފޮށްޓެއް ހިމެނެއެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް އީސީން ތައްޔާރީތައް ވަމުންދާއިރު އިންތިހާބަށް ކުރިމަތިލި މީހުންގެ ތެރެއިން، ޝަރުތު ފުރިހަމަވާ މީހުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ގުރުއަތުލުން މިއަދު ބޭއްވުމަށް ވަނީ ނިންމާފައެވެ.