އަންނަ ރިޔާސީ އިންތިހާބާ ދިމާކޮށް ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުން އެންމެ ގިނަ މަސައްކަތް ކޮށް ދިނުމަށް ލިސްޓުކޮށްފައިވާ ރަށަކީ ދ. ހުޅުދެލި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ހުޅުދެއްޔަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އަދި ބައެއް މަސައްކަތްތައް ނިމުމާ ގާތަށް ދާ ކަމަށެވެ. ކުރިއަށް އޮތް ފަސް އަހަރަށް ކޮށްދެއްވާނެ ކަންކަމުގެ ދިގު ލިސްޓެއް އެބަ އޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ ދާއިރާގައި ހުރި ރަށްރަށުގެ ތެރެއިން އެންމެ ގިނަ މަސައްކަތް ކޮށްދޭން ލިސްޓް ކޮށްފައި ވަނީ ހުޅުދެއްޔަށް ކަމަށާއި އެ ލިސްޓުގައި 12 ޕްރޮޖެކްޓް ހިމެނޭ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ހުޅުދެއްޔަށް ރައީސް ވައުދުވި ބައެއް ކަންކަން:

  1. ޒުވާނުންނަށް ކޮމިއުނިޓީ ސެންޓަރެއް
  2. އޭޓީއެމް މެޝިނެއް
  3. އާ ކައުންސިލްގެ އިދާރާ އިމާރާތް ކުރުން
  4. ރަށުގެ މަސްވެރިންނަށް ސްޕޯޓްސް ކަނދުފައްޗެއް
  5. އައިސް ޕަލާންޓެއް ގާއިމްކުރުން
  6. ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުން
  7. މަގުތައް ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުން
  8. މަލްޓިޕާޕަސް ހޯލް
  9. 10 ކްލާސްރޫމް އިތުރު ކުރުން
  10. ބިން ބޮޑު ކުރުން

އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ، އެ ރަށަށް ރައީސް ވެވަޑައިގެން ވައުދު އަންނަ ދައުރުގެ 5 އަހަރު ނިމުމުގެ ކުރިން ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހުޅުދެއްޔަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ވަނީ ހުޅުދެލީގެ ބަނދަރާއި ފެނަކަ އޮފީހާއި އިންޖީނުގެ ހުޅުއްވައިދެއްވައި, ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ދ. ހުޅުދެލީގެ ބަނދަރުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްގެންނެވެ. ބަނދަރުގެ މަސައްކަތް ތަކުގެ ތެރޭގައި 277 މީޓަރުގެ ބޭރުތޮށި ލުމާއި 432 މީޓަރުގެ އެއްގަމު ތޮށި ލުމާއި އަދި ބަނދަރާއި ގުޅޭ އިތުރު މަސައްކަތްތައް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ހުޅުދެލީގެ އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތަކީ ޖާގަ ތަނަވަސް އަދި ބޭނުންވާ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީ ކޮށްފައިވާ ތަނެކެވެ. މިހާރުގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 1070 ކިލޯވޮޓެވެ.